ކަނޑުތައް ޙިމާޔަތްކުރަން ބައިނަލްއަޤުވާމީ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވެއްޖެ
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުންވާ ކަމަށެވެ. ދިވެހީންނާއި ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށާއި ދެމެހެއްޓެނިވި ތިމާވެއްޓަށް ކުރާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކަނޑުތައް ހޫނުވުމާއި މުރަކަ ހުދުވުމާއި ރަށްގިރުމުގެ ޙާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ޖެހިފައިވެއެވެ. އެހެންކަމުން ހުރިހާ އެންމެންގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.
ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިން ދެމެހެއްޓެނިވި މަސްވެރިކަމާއި ކަނޑުގެ ދިރާސާތަކާއި ފަރުތަކުގެ ޙާލަތު ބެލެހެއްޓުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މުރަކަ އާލާކުރުމާއި ދިރާސާގެ މައްޗަށް ބަރޯސާވާ ފިޔަވަޅުތައް މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑުގެ ސަރަޙައްދު ކަމަށްވާތީ ކަނޑުތައް ބެލެހެއްޓުމުގެ ކެޕޭސިޓީ އިތުރުކުރުމާއި ކަނޑުތަކުން ލިބޭ ނަފާ އިތުރުކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ "އައު ތަސައްވުރެއް: އަޅުގަނޑުމެން ދަންނަ ދުނިޔޭގެ އިންތަކުން ބޭރުވެ ކަނޑުތަކާއެކު އައު ގުޅުމެއް ޤާއިމުކުރަމާ" މިއެވެ.