Advertisement

ރައީސް މުޢިއްޒުގެ ދަތުރުފުޅުގައި ލަންކާއާ އެކު ހަތް ފަހުމުނާމާއެއްގައި ސޮއިކޮށްފި

04 May 2026 | 13:32
ފަހުމުނާމާތަކުގައި ސޮއެ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ަލަންކާ މީޑިއާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ހަތް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ބޭއްވި ބައިލެޓެރަލް މަޝްވަރާތަކަށް ފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި މި ފަހުމުނާމާތައް އިޢުލާނުކުރެއްވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. މި ފަހުމުނާމާތައް ހިމެނެނީ ފަތުރުވެރިކަމާއި، ތަޢުލީމާއި، މަތީ ތަޢުލީމާއި، ޞިއްޙަތާއި، ކުޅިވަރާއި، ޒުވާނުންގެ ތަރައްޤީ އާއި، އާކައިވްސް އަދި ދިފާޢީ ދާއިރާގެ މައްޗަށެވެ.

Advertisement

ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑިސަނާޔަކެ ވަނީ ރައީސް މުޢިއްޒު ދަޢުވަތު ޤަބޫލުކުރެއްވީތީ އާއި ކާރިސާގެ ދުވަސްވަރު ރާއްޖެއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމަކީ ދެ ޤައުމަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސް ޑިސަނާޔަކެ ވަނީ އައިޓީ އާއި އާޓިފިޝަލް އިންޓެލިޖެންސާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ޕްރޮސެސިންގ އާއި، ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓް އަދި ސިޓީ އިންފްރާސްޓްރަކްޗާގެ ދާއިރާއިން އިންވެސްޓްމަންޓް ފުރުޞަތުތައް ބައްލަވައިލެއްވުމަށް ރާއްޖެއަށް ދަޢުވަތު ދެއްވާފައެވެ. އަދި މާދަމާ ބާއްވާ ބިޒްނަސް ފޯރަމްގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އެ ފޯރަމުގެ ސަބަބުން އިޤްތިޞާދީ ގުޅުން ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް