ބީޗުގައި ތިބި ބަޔަކަށް ވަޅިން ބިރު ދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު - ބުނީ އެއީ ގަސްކޮށަން ގެންގުޅުނު ވަޅިއެއްކަމަށް
ބީޗެއްގައި ތިބި ބަޔަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ފަތްކޯނި، އަޙްމަދު ނިޝާން (41 އަހަރު) އެވެ. މީނާ މިހާރު ދިރިއުޅެނީ ހުޅުމާލެ ފްލެޓް 170-04ޖީ ގައެވެ. މީނާގެ މައްޗަށް ތޫނު ހަތިޔާރު ގެންގުޅުމާއި ބިރުދެއްކުމުގެ ތުހުމަތުކުރެވެއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބީޗުގައި ތިބި ބަޔަކަށް މީނާ ބިރު ދައްކާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. ފުލުހުން ދިޔައިރު ވެސް މީނާގެ އަތުގައި ވަޅިއެއް އޮތް ކަމަށް ތަޙުޤީޤީ އޮފިސަރު ފާހަގަކޮށްފައިވެއެވެ. ނަމަވެސް މީނާ ބުނެފައިވަނީ އެ ވަޅިއަކީ ގަސް ކޮށަން ގެންގުޅުނު އެއްޗެއް ކަމަށާއި މީހަކަށް ބިރު ނުދައްކާ ކަމަށެވެ.
މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ހާދިސާ ރިޕޯޓާއި ހުށަހެޅި ފަރާތުން ދީފައިވާ ބަޔާން ހުށަހަޅާފައިވެއެވެ. ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، 10 އެޕްރީލް އިން 20 އެޕްރީލް އަށް ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށް ޤާޟީ އިބްރާހީމް ޛިހުނީ ވަނީ އަމުރުކުރައްވައިފައެވެ. މީނާއަކީ ހައްޔަރު/ބަންދު ރެކޯޑު އޮތް ފަރާތެކެވެ.