ބިދޭސީންތަކެއް ބިދޭސީއަކު ރަހީނުކޮށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް
ބަންގްލަދޭޝް ރައްޔިތުންތަކެއް ގުޅިގެން އެ ޤައުމުގެ އެހެން ރައްޔިތަކު ރަހީނުކޮށް، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާ މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށް ބަންދުކޮށްފައިވާކަން ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ހޮސައިން (30އ) އާއި، އެމްޑީ މެހެދި ޙަސަން (34އ) އާއި، ސަރފިފް ހަސަން (38އ) އާއި، އެމްޑީ ޝާ އަލަމް (39އ) އަދި ރަސަލް (20އ) އެވެ. މި ފަސް މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، ކިޑްނެޕްކުރުމާއި، މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
ބަންދު އަމުރުތަކުން އެނގޭ ގޮތުގައި މި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްޑީ ހޮސައިނެވެ. އޭނާ ވަނީ ތުހުމަތަށް އިއްތިރާފުވެ ކަން ހިނގި ގޮތް ކިޔައިދީފައެވެ. އެގޮތުން މާރާމާރީ ހިންގަން ޖެހުނީ އޭނާ ދީފައިވާ ޕާސްޕޯޓުތަކެއް އަނބުރާ ރައްދުނުކުރުމުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް ނުރައްކާތެރި ހަތިޔާރެއް ބޭނުންނުކުރާ ކަމަށާއި މާރާމާރީ ހިންގީ އަތުން ކަމަށް އޭނާ ބުނެފައިވެއެވެ. ދެން ތިބި ހަތަރު މީހުން ވަނީ އެއްވެސް މާރާމާރީއެއް އަދި އަނިޔާއެއް ވެސް ނުކުރާ ކަމަށް ބުނެފައެވެ.
ހެކީގެ ގޮތުގައި ވިކްޓިމްއަށް ލިބިފައިވާ އަނިޔާގެ ފޮޓޯއާއި، ބިރުދެއްކުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިތަކުގެ ފޮޓޯއާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، މެޑިކޯ ލީގަލް ރިޕޯޓާއި، ސީސީޓީވީ ފުޓޭޖާއި ވިކްޓިމްގެ ބަޔާން ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުތަކުގައިވެއެވެ. އަދި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ އިތުރުން އިތުރު ބަޔަކުވެސް މި ޢަމަލުގައި ބައިވެރިވި ކަމަށް އެމްޑީ ހޮސައިން ބުނެފައިވެއެވެ.
އެމްޑީ ހޮސައިން 30 ދުވަހަށް ބަންދުކުރި އިރު، ދެން ތިބި ހަތަރު މީހުން ބަންދުކޮށްފައިވަނީ 15 ދުވަހަށެވެ. ފަސް މީހުންވެސް ބަންދުކޮށްފައިވަނީ ޤާނޫނު ނަންބަރު 07/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ.