ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ ޒުވާނެއް ކަމުގައިވާ ކަތިރިވިލް މަނިމަރަން އާއި ދަނޫޝްކާދަން ގޯޕާލް ހައްޔަރު
ފުޅިތަކެއްގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ކަތިރިވިލް މަނިމަރަން އާއި 19 އަހަރުގެ ދަނޫޝްކާދަން ގޯޕާލް އެވެ. މި ދެ މީހުން އެކުގައި ރާއްޖެ އައިއިރު ގެނައި ފުޅިތަކުން 6.7 ގްރާމް މަސްތުވާތަކެތި ފެނިފައިވެއެވެ. މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށެވެ.
ބަންދު އަމުރުގައިވާ ގޮތުން، މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ލިބިފައިވެއެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފޯމާއި ސީންއަށް ދިޔަ ފުލުހެއްގެ ބަޔާނާއި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހުއްދަ ލިޔުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
މި ދެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، 8 އެޕްރީލް 2026 އިން ފެށިގެން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރުމަށް ޤާޟީ މުޒައްމިލު ނާޞިރު ވަނީ އަމުރުކުރައްވައިފައެވެ. ތުހުމަތުކުރެވޭ މީހުންގެ ވަކީލް ވަނީ ތުހުމަތުކުރެވޭ މީހާއާ ބައްދަލުނުވާތީ ޝަރީޢަތް ނިމެންދެން ބަންދު ނުކުރުމަށް އެދިފައެވެ.