ރައީސްގެ ދެކަނބަލުން މާދަމާ ޢުމްރާއަކަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މާދަމާ ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މި ދަތުރުފުޅުގެ މެހެމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށާއި، ދަތުރުފުޅާ ގުޅޭ އެންމެހައި ކަންކަން ހަމަޖައްސަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއީ ރައީސްގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. ދެކަނބަލުން ފުރަތަމަ ޢުމްރާ އަދާކުރެއްވީ 2024 ވަނަ އަހަރުގެ މެއި މަހު، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ މެހެމާންދާރީގައެވެ. އޭގެ ފަހުން 2025 ވަނަ އަހަރުގެ ޖޫން މަހު ދެކަނބަލުން ވަނީ ޙައްޖުގެ އަޅުކަން ވެސް އަދާކުރައްވައިފައެވެ.