ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލުމުގައި އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓޭޝަނަށް
ހުޅުމާލޭ ފޭސް 1 ގެ ކޮންޓެއިނަރ ޖެޓީން މާލެއަށް ބަނގުރާ ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ ދެ ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށް، ޑީޕޯޓްކުރުމަށް ފޮނުވާލައިފިކަމަށް ފުލުހުން ބުނެފިއެވެ.
ހައްޔަރުކޮށްފައި ވަނީ ޖާހިރު ހޮސައިން (33 އ) އާއި ސޮޖަން ސުލްތާން (36 އ) އެވެ. ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގެ ފުލުހުންނާއި ބްރިޖު އެންޑް ހައިވޭ ޕޮލިސް ގުޅިގެން، ކޮންޓެއިނަރ ޖެޓީން ބްރިޖު ހުރަސްކޮށް ބަނގުރާ ގެންދާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން، އިއްޔެ ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުނެއެވެ.
ބުރިޖުމަތިން ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވެއެވެ.
ފުލުހީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، ދެ މީހުން ވަނީ ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.