ހުޅުމާލޭގައި 182 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އަޅައިފި
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ މެދުވެރިކޮށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޢިމާރާތްކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބާއި ބީ.އެމް.އެލް އަދި އެފް.ޑަބްލިއު ކޮންސްޓްރަކްޝަންގެ އިސްވެރިންނެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
މިއީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން "ލީސް-ޓު-އޯން" ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ މޮޑެލްއަށް ހިންގާ މަޝްރޫޢެކެވެ. ސަރުކާރުން ހާމަކުރާގޮތުގައި މި ސްކީމްގެ ޖުމްލަ އަމާޒަކީ ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރުމެވެ.
މުޅި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށެވެ.
މި ސްކީމްގެ ދަށުން މި މަސްތެރޭގައި ތިން މަޝްރޫޢެއްގެ ބިންގާ އެޅައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ޗައިނާ މެޝިނަރީ އިންޖިނޭރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 1224 ޔުނިޓާއި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ވިލިމާލޭގައި ތަރައްޤީކުރާ 300 ޔުނިޓުގެ މަޝްރޫޢު ހިމެނެއެވެ.