މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ބުނީ އަލަތު އަނބި މީހާގެ ބަނޑަށް 33 ހަފުތާ ކަމަށް - ދޫކޮށްދިނުމަށް އެދޭކަމަށް
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު، އޭނާގެ އަލަތު ކައިވެނީގައި އަނބިމީހާ ބަނޑަށް 33 ހަފުތާވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްދިނުމަށް އެދުނު ނަމަވެސް، ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވަނީ މ. ލުބޯމާގެ، އަޙްމަދު ޙަމްދާން (26އ) އެވެ. ޙަމްދާން ބަންދުކޮށްފައިވަނީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް ކަމަށް ބަންދު އަމުރުން އެނގެއެވެ.
ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓުން، ސީނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. އަދި ޙަމްދާން ވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް އިއުތިރާފުވެ، އެއީ އޭނާ ބޭނުންކުރުމަށް އަތުގައި ބެހެއްޓި އެއްޗެއް ކަމަށް ބުނެފައެވެ.
ޙަމްދާން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމާތާ ރައްކާތެރިކަމަށްޓަކައި ކަމަށްވާއިރު، އޭނާގެ ހައްޔަރު/ބަންދު ރެކޯޑުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ރެކޯޑު ގިނަކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.