Advertisement

ބީއެމްއެލް ހިންގުމުގައި އައްޑޫގެ ތައުލީމީ ގާބިލް މުވައްޒަފުންގެ ޝާމިލްވުން ބޮޑު: ޝަރީފް

12 Mar 2026 | 12:51
އައްޑޫ ސިޓީއަށް ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކް ހިންގުމުގައި އައްޑޫގެ ތައުލީމީ ގާބިލް މުވައްޒަފުންގެ ޝާމިލްވުން ބޮޑު ކަމަށެވެ.

ޝަރީފް ވިދާޅުވީ މާލެ ފިޔަވައި އެއް އަތޮޅެއްގައި އެންމެ ގިނަ ބްރާންޗާއި އޭޓީއެމް އަދި ކޮންޓެކްޓް ސެންޓަރަކާއެކު އެންމެ ގިނަ މުވައްޒަފުން ތިބީ އައްޑޫގައި ކަމަށެވެ. އައްޑޫގައި ބޭންކުގެ 67 މުވައްޒަފުން ތިބޭ އިރު، މާލޭގައި ވެސް އައްޑޫއަށް ނިސްބަތްވާ 140 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކަމަށާއި ސީނިއާ މަގާމުތަކުގައި ވެސް އައްޑޫ މުވައްޒަފުން ގިނަ ކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރޭ ތައާރަފްކުރި ސްވައިޕް ޑިވެލޮޕްކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ވެސް އައްޑޫއަށް ނިސްބަތްވާ ޑިވެލޮޕަރުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ އައްޑޫއިން ފެންނަ ހުނަރުވެރިކަމާއި ފަންނުވެރިކަމާއި އުފެއްދުންތެރި ވިސްނުމުގެ މިސާލެއް ކަމަށް ވިދާޅުވިއެވެ.

Advertisement

ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށް ބީއެމްއެލުން ބުނާ ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވައި، ދުނިޔޭގެ ކޮންމެ ބޭންކެއްގެ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެއްގެ ގޮތުގައި ހަމަޖެހިފައިވާ ސްވައިޕް މެދުވެރިކޮށް ވިޔަފާރިތަކުން ނަގާނީ އެންމެ އެއް ޕަސެންޓް ފީއެކެވެ. އެހެން ވޮލެޓްތަކާއި ކާޑުތަކުން 2.5 ޕަސެންޓަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް ސްވައިޕުން ނަގާނީ އެންމެ ޕަސެންޓެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި ސްވައިޕް ޕާސަނަލް ވޮލެޓަށް ރާއްޖެއިން ބޭރުން ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ސްވައިޕް އެހީތެރިވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ހިތަދޫ ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނެވެ.

Advertisement

ކޮމެންޓް