ފުޅިތަކެއްގައި ބަންދުކޮށްގެން ލަގެޖުގައި ދެ ކިލޯއެއްހާ ހަޝިޝް އޮއިލް އެތެރެކުރި ދެމީހަކު ހައްޔަރު
ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ޖައިނަބު ވާޖިދު ޢަލީ އާއި 21 އަހަރުގެ މުޙައްމަދު ނަވާޒް ދަޔަތަރު އެވެ. އިންޑިއާއިން ރާއްޖެ އައި މި ދެ މީހުންނަކީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.
މި މައްސަލައާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުން އެނގޭގޮތުގައި ފުޅިތަކެއްގައި ބަންދުކޮށްގެން ލަގެޖުގައި އެމީހުން އެތެރެކުރަން އުޅުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލް އެވެ.