Advertisement

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ބީއެމްއެލް ސްވައިޕް ހަމަޖައްސައިފި

03 Mar 2026 | 12:18
ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްޤީ ކޮށްފައިވާ 100 އިންސައްތަ ދިވެހި އުފެއްދުމެއްކަން ފާހަގަކޮށްލަންޖެހޭ - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް ސްވައިޕް، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައި، ދެ ފަރާތުން ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. މި އެއްބަސްވުމާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެކަމުގައި ބީއެމްއެލްއިން ގަބޫލުކުރެއެވެ. 

Advertisement

ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްޤީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ މިންގަނޑުތަކާ ފެތޭ ގޮތަށެވެ. ސްވައިޕް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުޢާމަލާތްތައް ކުރެވޭއިރު، ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރީޕެއިޑް ކާޑަކުންވެސް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ނިމިދިޔަ ޖެނުއަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށް ފަހު، ޕާސަން-ޓު-ޕާސަން ޓްރާންސްފާތަކާއި ކިއުއާރް ޕޭމަންޓާއި ޚަރަދުތަކުގެ ތަފާސް ހިސާބު ބެލުމާއި ޕޭމަންޓް ލިންކް ޝެއާކުރުމާއި ފައިސާ ޓޮޕް އަޕްކޮށް ނެގުން ފަދަ ޚިދުމަތްތައް ކަސްޓަމަރުންނަށް ވަނީ ހުޅުވައިލައިފައެވެ.

މި އެއްބަސްވުމަކީ މިދިޔަ އަހަރު ބީއެމްއެލް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ޤާއިމުކުރެވުނު ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި ޕާޓްނަރޝިޕްގެ މަޤުޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް ފޯރުކޮށްދިނުމާއި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މަޤުބޫލުކަން އިތުރުކުރުން ކަމުގައި ބީއެމްއެލްއިން ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް