ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި، ދަތިކަމެއް ނެތި ސުކޫކު ދައްކާނެ: ރައީސް
އަންނަ އޭޕްރީލް 8 ގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކޭ ވަރަށް ފައިސާ އެބަހުރި ކަމަށާއި، ރިޒާވްގައި މިހާރު ވެސް 650 މިލިއަން ޑޮލަރަށް ވުރެ ގިނައިން ރައްކާކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފައްޓަވައިފައިވާ ސިލްސިލާގެ ދަށުން ރައީސް އޮފީހުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސުކޫކުގެ މުއްދަތު އަންނަ މަހުގެ 8 ވަނަ ދުވަހަށް ހަމަވާ ކަމަށެވެ. އެ ފައިސާ ދެއްކުމުގެ ތައްޔާރީތައް ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ.
"8 އޭޕްރިލް 2026 ގައި ދެއްކުމަށްޓަކައި މިހާރު އަޅުގަނޑުމެން އަތުގައި ރައްކާކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ،" ރައީސް ވިދާޅުވިއެވެ.
އެ ޢަދަދުގެ ތަފުސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 320 މިލިއަން ޑޮލަރު އަދި ޔޫސަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރު ރޭގެ ނިޔަލަށް ހުރި ކަމަށެވެ. ސުކޫކު ދައްކައި ނިމުމުން ވެސް 150 މިލިއަން ޑޮލަރު ބާކީ ހުންނާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ބޭރުގެ އެހެނިހެން ލޯނުތަކާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ގެންދަވާ ކަމަށާއި އެ މަޝްވަރާތަކުން ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ވެސް ދެމުން އަންނަ ކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، އަންނަ ހަފުތާގައި އިތުރު 200 މިލިއަން ރުފިޔާ ދޫކުރައްވާނެ ކަމަށެވެ. އެ ފައިސާ ދިނުމުގައި އެއް މިލިއަން ރުފިޔާއަށް ވުރެ ކުޑަ ޢަދަދުތައް ލިބެންޖެހޭ ކުންފުނިތަކަށް އިސްކަންދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގެ އިޤުތިޞާދީ ޙާލަތާ ބެހޭ ގޮތުން ރައީސް ވިދާޅުވީ "ވަރަށް ބާރަށް ފުޅާވެ ވަރުގަދަވަމުންދާ އިގުތިސާދެއް އޮތީ" ކަމަށެވެ.