Advertisement

މާކެޓްޕްލޭސް ސްކޭމަރު ނަދީފްގެ ބަންދަށް އިތުރު 30 ދުވަސް - ބަންދުން ދޫކޮށްދޭން އެދުނު، ރަށަށް ދާން ޓިކެޓު ނަގާފައިވާ ކަމަށް ވެސް ބުނި

27 Feb 2026 | 21:16
ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ) - ފޮޓޯ: ޕޮލިސް

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ) ގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި، ނަދީފް މުޙައްމަދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ބެލެވޭ އެކަށީގެންވާ މިންވަރުގެ ހެކި ޤަރީނާ ހުށަހަޅާފައިވެއެވެ. އެ ހެކިތަކުގެ ތެރޭގައި ބޭންކަށް ފޮނުވި މެއިލާއި އޭގެ ރިޕްލައި، އިންސިޑެންޓް ފޯމާއި، ފައިސާ ޖަމާވި ފަރާތުގެ ބަޔާނާއި، ތުހުމަތުކުރެވޭ ފަރާތްތަކުގެ ބަޔާނާއި، ސީސީޓީވީ ސްނެޕްޝޮޓް ރިޕޯޓް އަދި ތަހުޤީޤު ބަޔާން ހިމެނެއެވެ. ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ކޯޓުން ކަނޑައަޅާފައިވާއިރު، އޭނާއަކީ ގިނަ އަދަދެއްގެ ހައްޔަރި ބަންދު ރެކޯޑް އޮތް ފަރާތެއް ކަމަށް ވެސް އަމުރުގައިވެއެވެ.

Advertisement

ނަދީފް މުޙައްމަދު ބުނެފައިވަނީ އޭނާ އެދެނީ ޝަރުތުކުރުމަށް ފަހު ބަންދުން ދޫކޮށްލުމަށް ކަމަށާއި، މިހާރު ރަށަށް ދާން ޓިކެޓް ވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ 30 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރުމަށެވެ.

ނަދީފް މުޙައްމަދު ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކާއި ސިމް ކާޑުތަކާއި މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާ އާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ނަދީފް މުޙައްމަދު ހައްޔަރުކޮށްފައިވަނީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނެގި މައްސަލައާ ގުޅިގެންނެވެ. އޭނާއަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވާ މީހެއް ކަމަށް ތުހުމަތުކުރެވެއެވެ.

Advertisement

ކޮމެންޓް