2025: ބޭންކް އޮފް މޯލްޑިވްސްގެ ދިގު ތާރީހުގައި އެންމެ ކާމިޔާބު އަހަރު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2025 ވަނަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހޯދައި، ބޭންކުގެ ތާރީޚުގައި އެންމެ ކާމިޔާބު މާލީ ނަތީޖާ ހާސިލްކޮށްފައިވާކަން ހާމަކޮށްފިއެވެ.
މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %9.8 ގެ ކުރިއެރުމެކެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ވޭތުވެދިޔަ އަހަރު ލޯނާއި ފައިނޭންސިންގެ ގޮތުގައި އަލަށް 10 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ބޭންކުގެ ތާރީޚުގައި ވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ލޯނު ދޫކުރި ފަހަރެވެ. މީގެ އިތުރުން 30,000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، ކަސްޓަމަރުންގެ ޑިޕޮސިޓް %16 އިތުރުވެފައިވެއެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ވޭތުވެދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ތާރީހުގައި ވަރަށް މުހިންމު އަހަރެއް. ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން އަޅުގަނޑުމެން މިވަނީ ސާބިތުކޮށްދީފަ" ކަމަށެވެ.
ނިމިދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ޤާއިމުކުރުމެވެ. މި މަޝްރޫޢާ ގުޅިގެން މާލީ ޚިދުމަތުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 'ކޯރަސް' އިން ދޭ 'އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑު ބީއެމްއެލްއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ބީއެމްއެލްއިން ވަނީ %100 ދިވެހިން އުފެއްދި ޑިޖިޓަލް ވޮލެޓެއް ކަމަށްވާ 'ސްވައިޕް' ވޮލެޓް ތަޢާރަފުކޮށްފައެވެ.