ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
ގއ. ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ، ގާވިޔާ، މަމްނޫހު ޒާހިރު (28 އަހަރު) އާއި ގދ. ތިނަދޫ، ވައިޓްހިލް، އާއިޝަތު މޫސާ (34 އަހަރު) އެވެ. މި ދެ މީހުން ހައްޔަރުކުރީ ގދ. ތިނަދޫން ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެ 13 ވަނަ ދުވަހު ދެއްވަދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައިގައި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.