ކުޅުދުއްފުށީގައި ސައްހަނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރު
ކުޅުދުއްފުށި ސިޓީ އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފައިންސް، ޙަސަން މޫސާ (33އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ފާހަގަކޮށްފައިވާގޮތުގައި ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ޙަސަން މޫސާ ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ. އިތުރު ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ޙަސަން މޫސާ ވިޔަފާރިކޮށްފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް ފުލުހުން އެދެއެވެ.
މި މައްސަލައާ ގުޅިގެން ޙަސަން މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.