ޗޮކޮލެޓް ސިރަޕް ފުޅީގައި ޑުރަގު އެތެރެކުރި މައްސަލަ – އާދިލްގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި
ޗޮކޮލެޓު ފުޅިތަކެއްގައި މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު މައްސަލައިގާ ހައްޔަރުކޮށްފައިވާ މުޙައްމަދު ޢާދިލްގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
އެ މުއްދަތު އިތުރުކޮށްފައިވަނީ އޭނާގެ ބަންދަށް މި މަހުގެ މެދެއްހާ ހިސާބުގައި ޖެހި 10 ދުވަހުގެ މުއްދަތު ހަމަވުމުން ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.
ބަންދު އަމުރުން މައްސަލައިގެ ފަސްމަންޒަރަށް އާ މަޢުލޫމާތެއް ހާމަވެފައެއް ނުވެއެވެ. ނަމަވެސް މައްސަލަ ކުރިއަށްދާގޮތަށް ބަލާއިރު އަދި ފަސް ފަހަތަށް ބަލައިލާއިރު މި މައްސަލައަކީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭގައި ފެންމަތިވި މައްސަލައެކެވެ.
އެ ރޭ ކަސްޓަމްސް އިން ބުނެފައިވާގޮތުގައި ބަރުދަނުގައި 40 ކިލޯ ހުރި އެ ފުޅިތަކުގައި މަގުމަތީ އަގު 30 މިލިޔަން ރުފިޔާއަށް އަރާހާ ހަޝިޝް އޮއިލް ހުއްޓެވެ.
އެ މައްސަލައިގާ ޖެހިގެން އައި ދުވަހު އަޙްމަދު އަލީ ނަމަކަށް ކިޔާ މީހަކާއި މުޙައްމަދު އާދިލް ނަމަކަށް ކިޔާ މީހަކު ހައްޔަރުކުރިއެވެ.
އާދިލް ބުނަނީ އެ ޝިޕްމަންޓް އެތެރެކުރި ކުންފުންޏަކީ އޭނާގެ ކުންފުންޏެއް ނަމަވެސް އެ ވިޔަފާރިއަކީ މައްސަލައިގަ ދެން ހައްޔަރުކޮށްފައިވާ އަޙްމަދު ޢަލީއަށް ވިއްކާލުމުގެ މަރުޙަލާ ކުރިއަށްދާ ކުންފުންޏެއް ކަމަށެވެ.
އަޙްމަދު ޢަލީ ބުނެފައިވަނީ އޭނާ އަކީ މުދާ ކްލިއާ ކުރާ މީހެއް ކަމަށާއި އެ ފޮށިތަކާ ހަވާލުވާން ދިޔައީ އޭގައި މަސްތުވާތަކެތި ހުރިކަން ނުއެނގި ކަމަށެވެ.
ނަމަވެސް އަޙްމަދު ޢަލީ އިންޑިއާއަށް ދިޔަކަމަށާއި އެ ޝިޕްމަންޓް ވިއްކި މީހުންނާ ބައްދަލުކުރިކަމުގެ މަޢުލޫމާތު ހުރިކަމަށް ފުލުހުން ބުނެފައިވެއެވެ.