ޗޮކޮލެޓް ސިރަޕް ފުޅީގައި ހަޝިޝް އޮއިލް އެތެރެކުރި މައްސަލަ: ފުލުހުން ބުނީ އެ މުދާ ގަތުމަށް އަޙްމަދު އަލީ އިންޑިއާއަށް ދިޔަ ކަމަށް
ޗޮކޮލެޓް ސިރަޕް ފުޅީގައި މަސްތުވާތަކެތި އެތެރެކުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ ޢަހްމަދު ޢަލީގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މި ފަހަރުވެސް 15 ދުވަހުގެ މުއްދަތެއް އިތުރުކުރިއެވެ.
މިފަހަރު ބަންދު އަމުރު އިތުރުކުރިއިރު މައްސަލައިގާ ބައިވެރިޔާ ފަރާތްތަކާއި މުޢާމަލާތްތަކެއްކޮށްފައިވާކަމާއި މިގޮތުން އެ މުދާ ގަތުމަށް އިންޑިއާއަށް އޭނާ ގޮސް އެ ފަރާތްތަކާއި ބައްދަލުވެ، އަމަލީ ގޮތުން އޭނާ ބައިވެރިވާކަން ތަޙްޤީޤަށް ހޯދިފައިވާކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ.
ނަމަވެސް އޭނާގެ ވަކީލު ބުނެފައިވަނީ އޭގެތެރޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށާއި އެނގޭނަމަ އެތަކެއްޗާއި ހަވާލުވާން އޭނާ ނުދާނެ ކަމަށެވެ.
މި މައްސަލައަށް ބަލާއިރު މި މައްސަލައަކީ ޗޮކޮލެޓް ސިރަޕް ފުޅިތަކެއްގައި ރައްކާކޮށްގެން ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު މައްސަލައެކެވެ. ބަރުދަނުގައި 40 ކިލޯ ހުރި އެ ފުޅިތަކުގައި މަގުމަތީ އަގު 30 މިލިޔަން ރުފިޔާއަށް އަރާހާ ހަޝިޝް އޮއިލް ހުރިކަމަށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.