ޗޮކޮލެޓް ސިރަޕް ފުޅީގައި ޑުރަގު އެތެރެކުރި މައްސަލަ – އާދިލް ބުނީ މައްސަލައިގާ ހިމެނޭ ދެވަނަ މީހާއަށް ކުންފުނި ވިއްކާލުމުގެ ކަންކަން ކުރިއަށްދާކަމަށް
ޗޮކޮލެޓް ސިރަޕް ފުޅީގައި ގިނަ އަދަދެއްގެ ހަޝިޝް އޮއިލް ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައިގާ ހައްޔަރުކުރި ދެވަނަ މީހާގެ ބަންދަށް އިތުރު 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
އެމީހަކީ ގދ. ތިނަދޫ، ގޯލްޑަން ހައުސް، އުމުރުން 57 އަހަރުގެ މުޙައްމަދު ޢާދިލެވެ.
ޢާދިލްގެ ބަންދަށް ކޯޓުން މިއަދު 10 ދުވަހުގެ މުއްދަތެއް އިތުރުކޮށްފައިވާއިރު ބަންދު އަމުރގައި ބުނެފައިވަނި އޭނާގެ ނަމުގައިވާ ކުންފުންޏެއްގެ ނަމުގައި ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށާއި އެ ކުންފުންޏަކީ އުވާލުމުގެ މަރުހަލާގައި އޮތް އަދި މައްސަލައިގާ ދެން ތުހުމަތުކުރެވޭ ފަރާތަށް ވިއްކާލުމުގެ ކަންކަން މިހާރު ކުރިއަށްދާ ކުންފުންޏެއް ކަމަށް ޢާދިލް ބުނާކަމަށްވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މައްސަލައިގާ ހައްޔަރުކޮށްފައިވާ ދެވަނަ ފަރާތަކީ ޢަހްމަދު ޢަލީ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ބަންދަށްވެސް އިތުރު 15 ދުވަހުގެ މުއްދަތެއް ކޯޓުން މި މަހުގެ ހަ ވަނަ ދުވަހު ދީފައިވާއިރު ޢަހްމަދު ޢަލީ ބުނެފައިވަނީ އޭނާއަކީ މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރާ މީހެއް ކަމަށާއި އެ ފޮށިތަކުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ.
މި މައްސަލައަށް ބަލާއިރު މި މައްސަލައަކީ ޗޮކޮލެޓް ސިރަޕް ފުޅިތަކެއްގައި ރައްކާކޮށްގެން ރާއްޖެއަށް ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު މައްސަލައެކެވެ. ބަރުދަނުގައި 40 ކިލޯ ހުރި އެ ފުޅިތަކުގައި މަގުމަތީ އަގު 30 މިލިޔަން ރުފިޔާއަށް އަރާހާ ހަޝިޝް އޮއިލް ހުރިކަމަށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.