ކުޑަހުވަދޫ ޑަބްލިއުޑީސީގެ ރައީސާކަމަށް މިފަހަރު ހީވާގި ޒުވާން ކަނބަލެއް
ކުރިއަށް އޮތް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިންތިޚާބުގައި ދ. ކުޑަހުވަދޫގެ އތމ ކޮމިޓީގެ ރައީސާކަމަށް އާއިޝަތު ޝާނީޒް ކުރިމަތިލާން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.
އާއިޝަތު ޝާނީޒާ ވާދަކުރަން ނިންމާފައިވަނީ އެމްޑީޕީގެ ޓިކެޓުގައެވެ.
ދ. ކުޑަހުވަދޫ ރަން އައްސޭރި، އުމުރުން 23 އަހަރުގެ އާއިޝަތު ޝާނީޒް ޒުވާން އުމުރުގައި އތމ ކޮމިޓީގެ ރައީސާގެ މަޤާމަށް ކުރިމަތިލަނީ ކާމިޔާބުވެއްޖެނަމަ ދައުރުގައި ރަށުގެ ކަނބަލުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ކަންތައްތަކެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައެވެ.
"މި މުހިންމު މަޤާމަށް ކުރިމަތިލައި ކާމިޔާބީ ހާސިލުވުމުގައި ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުންގެ ތާޢީދާއި އެހީތެރިކަމަކީ އަޅުގަނޑަށް ލިބޭނެ ނުހަނު ބޮޑު ހިތްވަރެއް" އޭނާ ބުނެފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއެކު އތމ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ.