Advertisement

ދިވެހީންގެ ހައްގުގައި މަސްއޫދު އިމާދު ބަސް އިއްވައިފި – ވިދާޅުވީ ލަންކާ އިމިގްރޭޝަނުން ދިވެހީންނާމެދު ހިތަނީ ވަރަށް ދެރަކޮށް ކަމަށް

08 Jan 2026 | 04:39
ލަންކާަގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު - ފޮޓޯ: ޕީއެސްއެމް

ލަންކާއަށް ދާ ދިވެހީންނާއިމެދު ލަންކާގެ އިމިގްރޭޝަނުން ހިތަނީ ވަރަށް އިހާނެތިކޮށް ކަމަށް ބުނެ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު އޭނާގެ އުދާސްތައް ބޭރުކުރައްވައިފިއެވެ.

އެ އުދާސްތައް ހިއްސާކުރައްވާފައިވަނީ ލަންކާގެ އެންމެ ބޮޑު އެއް ނޫސްކަމުގައިވާ ޑެއިލީ ނިއުސް އެލްކޭ އާއެވެ.

Advertisement

އެ ނޫހަށް މަޢުލޫމާތުދެއްވަމުން އޭނާ ވިދާޅުވެފައިވަނީ ލަންކާ ވިސާ ހޯދަން ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށް ދިވެހީން ބޮޑު ކިއުއެއްގައި ޖެހެން ޖެހޭ ކަމަށާއި ނަމަވެސް ހަމުގެ ކުލަ އަލި ނަމަ ކިއުއެއްގައި ނުޖެހި އެކަން ވާކަމަށެވެ.

ހަމުގެ ކުލަ އަލި ނޫން ނަމަވެސް ދިވެހީންނަކީވެސް ލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރީންކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

ހަމަ އެހެންމެ އޭޖެންޓުން މެދުވެރިކޮށް ވިސާ ނަގާނަމަ އެއްވެސް ދަތިކަމެއްނެތި ވިސާގެ ކަންކަން ހަމަޖެހޭއިރު އެފަދަ އޭޖެންސީތަކުން ލަންކާގެ އިމިގްރޭޝަންގެ އޮފިޝަރުން "ކަޓެއް" ނަގާކަމާމެދުގައިވެސް އޭނާ ސުވާލު އުފައްދާފައިވެއެވެ.

"ދެ ދުވަސް ކުރިން ރާއްޖޭގެ ކަސްޓަމްސްގެ އިސް އޮފިޝަރަކު ކޮލޮމްބޯއަށް ޒިޔާރަތްކުރީ ޗުއްޓީއަކަށް، ވަކި ކޮޓަރިއަކަށް ގެންގޮސް އެތައް ސުވާލެއް ކުރި، އެ އަންހެން އޮފިޝަރު ޒިޔާރަތްކުރީ ލަންކާގެ ރީތިކަން ދެކެލަން" ސަފީރު ފާހަގަކުރައްވާފައިވެއެވެ.

ސަފީރު އިތުރަށް ވިދާޅުވެފައިވަނީ ކުރިން އަހަރެއްގެ މައްޗަށް ލަންކާއަށް ޒިޔާރަތްކުރާ ދިވެހީންގެ އަދަދު އަށް ހާހުން މަތި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 1500 އަށްވުރެ ދަށްވެފައިވާއިރު އެއް ސަބަބަކީ އިމިގްރޭޝަން ޕްރޮސެސްގައި އުފުލަންޖެހޭ ތަކުލީފުކަމުގައި ސިފަކުރައްވާފައިވެއެވެ.

އީސްޓަރ ބޮމުގެ ހާދިސާއަށްފަހު ދިވެހީންނާ ޓެރަރިޒަމާ ގުޅުވާކަންވެސް ފާހަގަކުރައްވައި އޭނާ ވިދާޅުވެފައިވަނީ އެކަމުގައިވެސް ރަސްމީ ބަހަކަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް އަދި ލިބިފައިނުވާކަމަށެވެ.

ބައިނަލްއަގުވާމީ ފޯރަމްތަކުގައި އަބަދުވެސް ރާއްޖެއިން ލަންކާއަށް ތާއީދުކުރާކަމާއި އަދި ލަންކާ ކަނޑަށް ދިވެހި މަސްވެރިން މަސް ބާނަން ނާރާ ކަމަށާއި ނަމަވެސް ލަންކާގެ މަސްވެރިން ތަކުރާރުކޮށް ރާއްޖޭގެ ކަނޑުން އަތުލައިގަނެވުނު ނަމަވެސް ފީއެއް ދެއްކުމަށްފަހު އެ މަސްވެރިން ލަންކާއަށް ފޮނުވާއިރު އަދި ރާއްޖެއިން ލަންކާއާއިމެދު އެހާ ރަނގަޅަށް ކަންކަންކުރާއިރު ލަންކާއިން ދިވެހީންނާއިމެދު ކަންކުރަނީ ދެރަކޮށް ކަން ތަކުރާރުކޮށް އޭނާ ފާހަގަކުރައްވާފައިވެއެވެ.

އަދި ހަމަ އެހެންމެ ކަންކަން ހައްލުނުވެ ދިގުދެމިގެންދާނަމަ ރާއްޖެ ޒިޔާރަތްކުރާ ނުވަތަ ރާއްޖޭގައި އުޅޭ ލަންކާ ފަރާތްތަކާއިމެދުގައިވެސް ރާއްޖެއިން ޢަމަލުކުރާ ހެޔޮ ޕޮލިސީ ބަދަލުރާން ޖެހިދާނެކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް
ާަަެއައިސާ
ޢެއީ ޢުދަާޙެއް ނޫން ހަމަ ޙަޤީޤަތް. ސާބަހޭ. ޑޮކްޓަރ ރައީސް މުއީސް. ޢަދިކިރިޔާ އޭ އަހަރެމެންގެ. ޙައްޤުގައި ވާހަކަ ދައްކާ ވަރުގެ އެމްބަސަޑަރެއް މި ލިބުނީ.... ހާދަހާ އުދަގުލެކޭ އަޅުގަނޑުމެން އެއަރޕޯޓް ގައި އުފުލަން ޖެހެނީ....ލ
08 Jan 2026
ސުން
ހައްގުބަސް ބުނަންވާނެ.މަގާމުގެ ދަހިވެތިކަމުގަ ހަޕް ކިޔައިގެން ހުންނާކަށް ނުޖެހޭ.
08 Jan 2026
ދޮންބޭބެ
ވަރަށް ރަނގަޅު ވާހަކައެއް، ދިވެހިން ގޮސްފަ މި އަންނަނީ އެތައްހާސް ޑޮލަރެއް ހަރަދުކޮށްފަ، ހަމަ ތިޔަ ހަމުގެ ހުލަ ހުދުމީހުންނާ އެއްގޮތަށް. އިމިގްރޭޝަން އިން އަދި ކަސްޓަމުން ދިވެހިންގެ އަތުން ވަރަށް ލާރި އަތުލާ
08 Jan 2026
މިހައްމަދު
މަސްއޫދު އިމާދު އެބިދާޅުވި އެެއްޗައްވަރަށްބޮޑައްތާއީދުކުރަން އެކަން އޮންނަންޖެހޭނީ އެގޮތަށް
08 Jan 2026
ވިސްނާ
ބަރާބަރު ހައްގުބަސްބުނަންޖެހޭ ތަންތާގާ ހައްގުބަސް ބުނަންޖެހޭނެ
08 Jan 2026
އެދުރު
ވަރަށް ރަގަޅު. ދިވެހިންގެ ހައްގުގައި ބަސް އިއްވީތީ. ޢަމަލީ ފިޔަވަޅުވެސް އަޅަންޖެހޭ.
09 Jan 2026