އައު އަހަރާއެކު މޯލްޑިވިއަން އިން ދާކާ އަތުރުތައް އަލުން ފަށަނީ
މި ފެށުނު އައު އަހަރާއެކު ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ޑާކާ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި މޯލްޑިވިއަން އިން ޑާކާ އަށް ދަތުރުތައް މި އަހަރުގެ މާރިޗް މަހުގެ 12 އިން ފެށިގެން ފަށާނެއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 399 ޑޮލަރެވެ. 30 ކިލޯ ބަގެޖް އެލަވަންސް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.
މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ބުކިންގ އަށް ހުޅުވާލާފައިވާއިރު މިކަމާއި ގުޅޭގޮތުން މިހާރު ނޫހަށް މަޢުލޫމާތުދެއްވަމުން އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ޑާކާއަށް އަލުން ދަތުރުތައް ފަށަން ނިންމީ ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ ކަމަށެވެ.
ބަންގްލަދޭޝް އިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންވެސް އިތުރުވަމުން އަންނައިރު ބަންގްލަދޭޝް އިން ރާއްޖެއަށް މުދާ އިތުރުކުރާ މިންވަރުވެސް އިތުރުވެ ޑިމާންޑެއް އުފެދިފައިވާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.
މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި ޑާކާއަށް ދަތުރުތައް ފެށުމާއެކު ހަފުތާއަކު ދެ ފްލައިޓް ބޭއްވުމަށް ނިންމާފައިވެއެވެ.