މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށް، އެންމެ ދަށްވެގެން މަސް ކިލޯއެއް ގަންނަ އަގު 16 ރުފިޔާއަށް
މަސްވެރީންނަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށް އަދި މަސްވެރީން އަތުން މަސް ގަންނަ އަގު އެންމެ ދަށްވެގެން ކިލޯއަކަށް 16 ރުފިޔާއަށް ހެދުމަށް ރައީސް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަންކަން އިޢުލާނުކުރެއްވީ މަސްވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރ. ދުވާފަރުގައި ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީށް ވިދާޅުވީ މަސްވެރީންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ބާނާ މަހަށް ރަނގަޅު އަގު ނުލިބުން ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ މިއަދުން ފެށިގެން މިފްކޯއިން މަސްގަންނަމުންދާނީ އެންމެ ދަށްވެގެން ކިލޯއެއް 16 ރުފިޔާގެ މަގުން ކަމަށެވެ.
ދެވަނައަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މަސް ދޯނިފަހަށް ވިއްކާ ތެލުގެ ވާހަކައެވެ. މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ ޖުމުލަގޮތެއްގައި ކޮންމެ ލީޓަރަކުން 51 ލާރި ހެޔޮކޮށް ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ތިން ޓަނަށްވުރެ މަތިން މަސް ކިރާ ފަރާތްތަކަށް ތެލުގެ އަގު ލީޓަރަކުން 71 ލާރި ހެޔޮވެގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ މަސްވެރީންނަށް އެސްޓީއޯ ރޭޓުން ތެޔޮ ގަންނަން ލިބޭނެ ސްކިޑެއް ރ. ދުވާފަރުގައި ރައީސް ހުޅުއްވައިދެއްވާފައިވާއިރު އަންނަ އަހަރުގެ މާރިޗް މަސް ނިމޭއިރު ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.