ސައުދީ އަރަބިއްޔާގެ ވަފުދެއް، ޙައްޖު، އުމްރާ ކޮންފަރެސްއަށް ރާއްޖެއަށް
ރާއްޖޭގައި މި މަހު 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޙައްޖު އަދި އުމްރާ ކޮންފަރެސްގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.
ކޮންފަރެސްގައި ބައިވެރިވުުމަށް ރާއްޖެއައި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަޢުދީ ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ އާއި އެ ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.
އެގޮތުން އެ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތަށް ޒިޔާރަތް ކުރާނެއެވެ. މީގެއިތުރުން ޒުވާން ޚަޠީބުންނާއި ޙާފިޡުން އަދި އިމާމުންގެ އިތުރުން ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި އެ ޖަމްޢިއްޔާގެ މަސައްކަތްތަކާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދިނުމަށް ވެސް ވަނީ ހަމަ ޖެހިފައެވެ.
މި ކޮންފަރެންސްގައި ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެއެވެ.
މި ކޮންފަރެސްގެ މަގްސަދަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި މަޝްވަރާ ކުރުމެވެ.
އަދި ޙައްޖު، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ޙައްޖާއި ޢުމްރާގެ އަޅުކަމާއި ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް، ޢުމްރާ ކުންފުނިތަކާއި ވުޒާރާއާއި އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މަޢުލޫމާތުތައްދީ މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމަށެވެ.
މި ކޮންފަރެންސް ރާވާފައިވަނީ ޙައްޖާއި ޢުމްރާއާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައިވެއެެވެ.
މި މަސައްކަތަކީ އިސްލާމީ ކަންތަކާއި ބެހޭ ވުޒާރާއިން ދީނީ ކަންތައްތައް ކުރިއެރުވުމަށް އަޅުއްވާ މުހިންމު ފިޔަވަޅު ތަކުގެ ތެރެއިން ފިޔަވަޅެކެެވެ.