ހަރުވާޅު ނުލައްވަން ވެގެން ތަޅާ ފޮޅަން ޖެހޭ ހިސާބަށް ދާން ޖެހޭ ސަބަބެއް ނުފެނޭ: ޒައިދު
ދަރިވަރުންގެ ސްކޫލު ޔުނީފޯމާއި ގުޅިގެން އެޑިއުކޭޝަނުން ނެރުނު ސާކިއުލާއާއި ގުޅިގެން ބައެއް ފަރާތްތަކުން ބަހުސް ކުރަމުންދާތީ ކަންބޮޑުވެ، ދީނީ އިލްމުވެރިޔާ އަލީ ޒައިދު ޕޯސްޓެއް ކުރައްވައިފިއެވެ.
ޒައިދު ވިދާޅުވީ، އައުރަ ނިވާކުރުން އިތުރު ވުމަކީ އުފާކުރަން ޖެހޭ ކަމެެއް ކަމަށެވެ. އަދި މިފަދަ ކުޑަކުޑަ ކަމެއްގައި ތަޅާ ފޮޅަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
އައުރަ ނިވާކުރުން އިތުރު ވުމަކީ އުފާކުރަން ޖެހޭ ކަމެއް. ޔުނީފޯމް އިސްލާމީ އިންތަކާއި ގާތަށް އައުމަކީ އުފާކުރަން ޖެހޭ ކަމެއް. ހަރުވާޅު ފަދަ ކުޑަކުޑަ ކަމެއްގައި ހަރުވާޅު ނުލައްވަންވެގެން ތަޅައިފޮޅައި ގަންނަންޖެހޭ ހިސާބަށް ދާންޖެހޭ ސަބަބެއް ނުވިސްނޭ. މިއީ އިސްލާމީ ގައުމެއް ނޫންތޯ.
އަލީ ޒައިދު ވިދާޅުުވިއެވެ.
ޒައިދު މި ޕޯސްޓުކޮށްފައި މިވަނީ މިކަމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.
ނަޝީދު މިކަމާއި ގުޅިގެން ވިދާޅުވީ ޔުނީފޯމަށް ގެންނަން މިއުޅޭ ބަދަލަކީ ބޭކާރު ޚަރަދެއް ހިނގާނެ ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގައި 90،000 އަށް ވުރެން ގިނަ ދަރިވަރުން އެބަތިބި ކަމަށާއި އެ ބަދަލާއި އެކު ޔުނީފޯމަށް މަދުވެގެން 900ރ ހަރަދުވާނެ ކަމަށެވެ. އަދި ބެލެނިވެރިންގެ އަތުން ޖުމްލަ 80 މިލިއަނަށް ވުރެން ގިނަ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.
އެޑިއުކޭޝަނުން ނެރުނު ސާކިއުލާގައި އޮތީ ގްރޭޑް ހަތަރަކުން މަތީ އަންހެން ދަރިވަރުން ސްކާޓެއް ލާނަމަ ހަރުވާޅުލުން ލާޒިމްކޮށްފައެވެ. އެކަމާއި ގުޅިގެން ބައެއް ބޭފުޅުން ފާޑުކިޔަމުން އަންނަ އިރު ގިނަ ބަޔަކު ދަނީ މި ބަދަލަށް ތާއީދު ކުރަމުންނެވެ.