ޤަވައިދާ ޚިލާފަށް ޕާކްކޮށްފައިވާ، ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކާއި އެކު ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް!
ހުޅުމާލޭގެ ހުސްބިންތައް އަދި މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، މަގުތައް ތަރުތީބުކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަން ފެށުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ޓޯވޔާރޑް ކައިރީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އާއި ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އަދި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުުވީ، މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ގިނަ ދަތިތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން ޕާކުކުރުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާކަމަށާއި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މިގޮތަށް މަގުމައްޗަށް ދޫކޮށްލާފައި ހުންނަކަމަށެވެ. އަދި އެގޮތަށް ގެނެސް މަގުމައްޗަށް އުޅަނދުތައް ދޫކޮށްލާފައިހުރުމުން ގިނަ ދަތިތަކާ ކުރިމަތިވަމުންދާކަމަށާއި އެފަދަ އުޅަނދުތައް ނެގުމަށް އަމީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ދެމެހެއްޓެނެވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މުހިންމުކަމެއްކަމަށެވެ.
ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެޗްޑީސީ، ޕަބްލިކް ވޯކްސް، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ބައިވެރިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އިއްޔެ ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށެވެ. އަދި މި އޮޕަރޭޝަނުގައި ހުޅުމާލެ އެއް ވަނަ ފިޔަވަހީގަަައިި އާއި ދެވަނަ ފިޔަވަހީގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.