ބަރަކާ ޗެރިޓީގެ އެހީގައި ކ. ގުޅީގައި ލެބޯޓްރީއެއް ހުޅުވައިފި
ބައިނަލްއަޤުވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ބަރަކާ ޗެރިޓީގެ ހިލޭ އެހީގައި ކ. ގުޅީ ސިއްހީމަރުކަޒުގައި ބިނާކުރި މެޑިކަލް ލެބޯޓްރީ އެއް ހުޅުވައިފިއެވެ.
މި ލެބޯޓްރީ އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވުމަށް ފަހު މިހާރު ވަނީ ލެބޯޓްރީން ޚިދުމަތް ދޭން ފަށާފައެެވެ.
މެޑިކަލް ލެބޯޓްރީ ހުޅުވައިދެއްވީ ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންނާއި، ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑރ. އަނާރާ ނަޢީމް އާއި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަޙްމަދު ޒަކީގެ އިތުރުން ސިއްހީމަރުކަޒުގެ ވެރިންނާއި، ރަށުގެ ވެރިންނާއި، އަތޮޅުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ކ. ގުޅީ ސިއްޙީމަރުކަޒަށް އިތުރުކުރެވުނު ބައިގަ ވަނީ ލެބޯޓްރީއެއްގެ އިތުރުން ބަލިމީހުންނަށް ޚާއްސަ ފާޚާނާއެއް ވެސް ހިމަނާފައެވެ. މި ލެބޯޓްރީ ހުޅުވުމާއެކު އާންމުކޮށް ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ވެސް ގުޅީ ސިއްހީމަރުކަޒުން ހެދޭނެއެވެ.
ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، މިއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ގިނަ ބަޔަކު ބައިވެރިވެގެން ފުރިހަމަ ވެގެންދިޔަ ނަމޫނާ މަސައްކަތެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ޚާއްސަ ޝުކުރާއި ހެޔޮ ދުޢާ އާއި ތަޢުރީފު ބަރަކާ ޗެރިޓީއަށް ދަންނަވާފައި ވެއެވެ.
މި ޙަފުލާގައި ވަޒީރުގެ އިތުރުން ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އާއި ހުރާދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރު ޑރ. އަނާރާ ނަޢީމްގެ އިތުރުން ސިއްޙީމަރުކަޒުގެ ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަލީ ޔާމީން ވާހަކަދައްކަވާފައި ވެއެވެ.