Advertisement

3392 ކަނޑު އުޅަނދަކަށް ސަލާމަތީ ސެޓްފިކެޓް ދޫކޮށްފި

06 Dec 2025 | 11:07
މާލެ ކައިރިން ދަތުރުކުރަމުންދިޔަ ކަނޑު އުޅަނދެއް - ފައިލް ފޮޓޯ: ދުވަސް

މިދިޔަ ދެ އަހަރު ތެރޭ 3392 ކަނޑުއުޅަދަކަށް ސަލާމަތީ ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ،  ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމުގައި މިހާތަނަށް އާންމު ރައްޔިތުންނަށް ދިމާވަމުންއައި ދަތިތައް ހައްލު ކުރުމުގެ ގޮތުން ސަލާމަތީ ސެޓްފިކެޓް ހެއްދުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

Advertisement

އެގޮތުން މީގެ ކުރިން އެއް އަހަރުގެ މުއްދަތަކަށް ދޫކުރަމުންއައި ސަލާމަތީ ސެޓްފިކެޓުތަކުގެ މުއްދަތު މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައިވަނީ ފަސް އަހަރަށް ބަދަލުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އަދި ކޮންމެ އުޅަނދެއްވެސް އަހަރަކު އެއް ފަހަރު ސާރވޭކޮށް އެންޑޯޒްކޮށް ވެލިޑޭޓް ކުރަން ޖެހޭގޮތައް ޤަވައިދަށް ބަދަލުގެނެސް 2024 ސެޕްޓެމްބަރ މަހުގެ ތެރޭގައި ސެޓްފިކެޓް ދޫކަރަން ފަށާފައިވާކަންވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.

އެގޮތުން ކަނޑު އުޅަނދާއި ފަސިންޖަރުންނާއި މުދާ ހިމެނޭހެން 2024 ވަނަ އަހަރު 1750 ސަލާމަތީ ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށާއި އަދި 2025 ވަނަ އަހަރު 1642 ސަލާމަތީ ސެޓްފިކެޓް ދޫކުރިކަމާއި، ޖުމުލަކޮށް 3392 ސަލާމަތީ ސެޓްފިކެޓް ދޫކޮށްފައިވާކަމަށް ދަތުރު ފަތުރާއި މަދަނީ އުދުހުންތާކާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގައި ވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރާގޮތަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ކޮންމެ އުޅަނދެއްގައިވެސް، އެ އުޅަނދެއްގައި ކުރެވޭ ބޭނުމަކާ އެއްގޮތްވާގޮތުގެ މަތިން އަހަރަކު އެއްފަހަރު ސާރވޭކޮށް، ސަލާމަތީ ކަންތައްތައް ފުރިހަމަ ކުރެވިފައި ހުންނަންވާނެކަމަށާއި އެކަން އަންގައިދިނުމުގެ ގޮތުން ދޫކޮށްފައިވާ އެންމެހައި ސަލާމަތީ ސެޓްފިކެޓުތަކުގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއެއް އުޅަނދުގައި އޮންނަންވާނެ ކަމަށެވެ.

އަދި އުޅަނދަކުން ދަތުރުކުރުމަށް ހުއްދަކޮށްފައިވާ މީހުންގެ އަދަދު އިތުރުކުރުމަށް، ނުވަތަ އުޅަނދުން ކުރާ ބޭނުން ބަދަލުކުރުމަށް، ނުވަތަ އެހެން ސަބަބަކާހުރެ ނަމަވެސް ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސެޓްފިކެޓެއް އައުކޮށްދޭނަމަ، އެ ސެޓްފިކެޓް ދޫކުރާނީ ސަރވޭކުރާ ތާރީހުން ފެށިގެން، ކުރިން ދޫކޮށްފައިވާ ސެޓްފިކެޓުގެ މުއްދަތަށް ކަމަށެެވެ.

މީގެއިތުރުން އުޅަނދަށް ދޫކޮށްފައިވާ ސެޓްފިކެޓެއް ގެއްލިފައިވާނަމަ، އުޅަނދު ދަތުރުކުރަން ފެށުމުގެ ކުރިން އެ ސެޓްފިކެޓެއް ހައްދަންވާނެކަމަށް ޤަވައިދުގައި ވެއެވެ.  މިގޮތުން ސެޓްފިކެޓް ހެދުމަށް ހުށަހަޅާއިރު ސެޓްފިކެޓް ހެދުމުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ސެޓްފިކެޓަކަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށްފަހު، އުޅަނދަށް ދޫކޮށްފައިވާ ސަލާމަތީ ސެޓްފިކެޓެއްގެ މުއްދަތަށް، އަލުން އެ ސަލާމަތީ ސެޓްފިކެޓެއް ހެދޭނެކަމަށްވެއެވެ. ގެއްލިގެން ހެދުމަށް ހުށަހަޅާ ސެޓްފިކެޓަށް ޖޫރިމަނާއެއް ދައްކާކަށް ނުޖެހޭނެކަމަށް ޤަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ކަނޑު ދަތުރުފަތުރުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

Advertisement

ކޮމެންޓް