އިސްލާމިކް މިނިސްޓްރީން ބާއްވާ "މީޑިއާ މައުރަޒު" މާދަމާ ފަށަނީ
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މީޑިއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މަޢުރަޒް މާދަމާ ފަށާނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މާދަމާ ފަށާ މި މައުރަޒް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށާއި މި މައުރަޒް ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މައުރަޒެކެވެ. އަދި މީޑިއާ މައުރަޒަކީ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މިމައުރަޒުގައި ވަކި ވަކި ސެކްޝަންތަކުގެ ވެރިންނާއި ބައްދަލުކޮށް ސެކްޝަންތަކާއި ގުޅޭ މަސައްކަތްތަކާއި ބެހޭ ސުވާލުތައްކުރުމާއި މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މައުރަޒު ފެށޭނީ މާދަމާ ހަވީރު 16:00 ގައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިދިޔަ އަހަރު ބޭއްވި މައުރަޒުގައިވެސް ގިނަ އަދަދެއްގެ އާއްމުންނާއި ނޫސްވެރިން ބައިވެރިވެފައިވެއެވެ.