ފެނަށް ދިމާވި މައްސަލައާއި ގުޅިގެން ފުވައްމުލަކަށް ނޮވެމްބަރު މަހުގެ ބިލު ނުކުރަން ނިންމައިފި
މިދިޔަ ނޮވެމްބަރު މަހު ފުވައްމުލަކުގެ ފެނަށް ދިމާވި މައްސަލައާއި ގުޅިގެން މިދިޔަ މަހުގެ ފެން ބިލް ނުކުރާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
އެކަމާއި ގުޅިގެން ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް ރަނގަޅު ފެންވަރެއްގައި އެ ހިދުމަތް އަލުން ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި އެ ކުންފުނިން ކުރަމުން ދާ ކަމަށެވެ.
ފުވައްމުލަކުގެ ފެނުގެ ނެޓްވޯކުގެ މަސައްކަތްތައް މިދިޔަ މަހު ކުރަމުން ދިޔައިރު، ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުން ކަހަލަ ކަންކަން ހިނގާފައިވާ ކަމަށާއި ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އެހެން ކަމުން، އެ ކަންކަމަށް ރިިއާޔަތްކޮށް ފުވައްމުލަކު ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، މިދިޔަ ނޮވެމްބަރު މަހު ފުވައްމަލައް ސިޓީގެ ފެނަށް ބިލު ނުކުރާ ގޮތަށް ނިންމާފައިވާކަމަށް ފެނަކައިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ފުވައްމުލަކުގައި ފެނުގެ މައްސަލަޖެހި އެރަށުގައި ފެން ބޭނުން ނުކުރެވޭވަރު ވުމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ފެން ޓެސްޓްކޮށްފައެވެ. އަދި އެ ޓެސްޓުން އެނގުނީ އެއީ ބޯން ރައްކާތެރި ފެނެއް ނޫން ކަމަށެވެ.