ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި
ލަންކާއަށް އެހީވުމަށް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއިއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ.
މި ފައިސާ ޚާރިޖީ ވުޒާރާއާއި ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. އަދި ފައިސާއާ ޚާރިޖީ ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.
މީޑިއާތަކުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ.
37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ މި ހަފްތާގެ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00 ގައެވެ. މި ޓެލެތޯނަށް އާންމު ރައްޔިތުންގެ ގިނަ ބަޔަކާއި، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި، ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތަކާއި، އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ޓެލެތޯނަށް ޙާއްސަކޮށް ބީއެމްއެލްއިން އެކައުންޓެއް ހަމަޖައްސާފައިވެއެވެ. އަދި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތަށް ބެހެއްޓިއެވެ. އަދި މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށެވެ.
މި ޓެލެތޯންއަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ކޮށްފައިވަނީ ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންނެވެ.
ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ދިވެހި ފުލުހުންނެވެ. އެގޮތުން ސިލޯނަށް އެހީވުމަށް ފުލުހުންގެ ޚިދުމަތުގެ ފަރާތުން 2.4 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ.
މީގެއިތުރުން ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައިވެއެވެ މިއީ ޓެލެތޯނުގައި އެންމެ ގިނައިން އެހީދިން ދެވަނަ ފަރާތެވެ.ޓެލެތޯންގައި އެކި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް އަދި އެކި ވުޒާރާތަކުގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހުރިހާ ފަރާތްތަކުންވެސް މި ޓެލެތޯނުގައި ލަންކާއަށް އެހީވުމަށް ބޮޑެތި އަދަދު ތަކަކުން ފައިސާގެ އެހީ ހަދިޔާކޮށްފައިވެއެވެ.
މި ފައިސާގެ އެހީއާއި އެކު މުޅި ސޯސަލް މީޑިއާގައި ލަންކާގެ ފަރުދުން ދަނީ ދިވެހީންނަށް ހާއްސަ ޝުކުރެއް ދަންނަވަމުންނެވެ. މީގެއިތުރުން ލަންކާގެ ސަރުކާރުންވެސް ދިވެހިން މި ވެދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައިވެއެވެ.