ޑރ ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް އެބަ ބަލަމު: ފުލުހުން
ޑރ. ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށްބުނާ މައްސަލައެއް ތަޙުޤީޤުކުރަން ފަށާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ ޑރ. ސަނީ އުމަރު ކުޑަކުދީންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ޢާއިލާގެ ތެރޭގައި އޭނާ އެއްބަސްވުމަށްފަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަމަށް މީޑިއާތަކުން އިއްޔެއިން ފެށިގެން ރިޕޯޓުކުރަމުން އަންނައިރު އެކަމާއި ގުޅުވައި ނޫސްވެރިން ކޮށްފައިވާ ސުވާލުތަކަކަށް ޖަވާބުދެމުންނެވެ.
ޑރ. ސަނީ އުމަރަކީ ހަލާލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެ ޕްރޮމޯޓް ކުރުމަށް ހަލާލް ވީކްލީ އާއި މޯލްޑިވްސް ހަލާލް ޓްރެވަލް ކުންފުނި އުފައްދައި އެ ކުންފުނިތައް ހިންގަމުން އަންނަ ފަރާތެކެވެ. އަދި ޓްރެވަލް އޭޖެންސީތަކާއި މީޑިއާހައުސްތައް އޭނާ ހިންގަމުންދެއެވެ.
ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.
މިކަމާ ގުޅިގެން ޑރ ސަނީ މަސައްކަތް ކުރި ޓްރެވަލް ގައިސް އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޑރ ސަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާތީ، އޭނާގެ ހިއްސާ އެ ކުންފުނިން އަތުލައި އެ ކުންފުނިން އޭނާ ވަކި ކުރަން ނިންމާފައިވާ ކަމަށެވެ.
ހަލާލް ޓޫރިޒަމްގެ ދަށުން ހިންގާ ފާމްއެއް ކަމަށްވާ ޓްރެވަލް ގައިސް އިން ބުނީ، މިފަދަ މައްސަލަތަކަކީ އެ އެޖެންސީން އަބަދުވެސް ދެކޮޅު ހަދާ ކަންކަން ކަމަށެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.