Advertisement

ޖަޕާނުން ކަސްޓަމަށް ޕެޓްރޯލު އުޅަނދެއް ހަދިޔާކޮށްފި

29 Nov 2025 | 22:51
ޖަޕާނުން އެ އުޅަނދު ހަދިޔާ ކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ކަސްޓަމްސް

ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމާއި ސަރވެއިލެންސްގެ މަސައްކަތަށް 82 ފޫޓްގެ ޕެޓްރޯލް ވެސަލްއެއް ޖަޕާނު ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަދިޔާކޮށްފިއެވެ.

މި އުޅަނދު ހަދިޔާކުރުމަށް ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އޮންރަބްލް އަލީ އިޙްސާންއެވެ.

Advertisement

މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިސް އިޝިގާމީ ރުމީކޯ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އަލީ އިޙްސާންއެވެ.

ޖަޕާނުން ހަދިޔާކުރި އުޅަނދު - 

މި ޙަފްލާގައި ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާއާއި ކަސްޓަމްސްގެ އިސްވެރީން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތަށްފަހު، މިނިސްޓަރ އަލީ އިޙްސާން އާއި ޖަޕާނުގެ ސަފީރު މިސް އިޝިޤާމީ ރުމީކޯ އަދި ރަސްމިއްޔާތުގައި ބައިވެރިވި ވަޑައިގެންނެވި އެންމެހާ ބޭފުޅުން، މާލޭ ކޮމާޝަލް ހާބަރަށް ވަޑައިގެން އުޅަނދު ބައްލަވާލެއްވިއެވެ.

މިއީ، ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމަށާއި ސަރވެއިލެންސްގެ މަސައްކަތަށް، ޖަޕާން ސަރުކާރުގެ "އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް" ގެ ދަށުން ހަދިޔާކުރި އުޅަނދެކެވެ.

މި އުޅަނދު އޮޕަރޭޓްކުރުމަށް ރޭވިފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑް އާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ.

މި އުޅަނދުގެ އޮޕަރޭޓްކުރުމަށް ބޭނުންވާ ތަމްރީންތައް ޖަޕާން އާއި ދިވެހިރާއްޖޭގައި ހިންގިފައިވާއިރު، މި ތަމްރީން ޕްރޮޕްރާމްތަކުގައި ކަސްޓަމްސްގެ 23 އޮފިސަރަކު ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް