އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި
އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލުމަށް ނިންމީ އެ އިމާރާތަކީ މީހުން ބޭނުންކުރުމަށް ރައްކާތެރި ހާލަތެއްގައި ހުރިތަނެއް ނޫންވީމަައެވެ. ރައީސް ޑރ މުއިއްޒު ވިދާޅުވީ، މި އިމާރާތް ތަޅާލައި އެ ތަނުގައި ޕާކިންގ ޒޯނަކާއި، ޕާކެއް ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ.
މި އިމާރާތް ތަޅާލުމުގެ މަސައްކަތާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަރަބިއްޔާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މި މަސައްކަތަކީ މާލެ ތޮއްޖެހިފައި އޮތުން ކުޑަކުރުމާއި ދިރިއުޅުމަށް ހިއްފަސޭހަކަމެއް ހޯދާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޚައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށާފައިވާ މަސައްކަތެެއްކަމަށެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ މިތަނުގައި މީހުންނަށް ހިއްފަސޭހަކަމާއެކު މަޑުކޮށްލެވެނޭ ޕާކެއް ތަރައްޤީކުރުމާއި އަދި މި ސަރަހައްދަކީ ޓްރެފިކް ބޮޑު ސަރަހައްދަކަށް ވުމާއެކު ޕާކިން ޒޯނެއް ތަރައްޤީކުުރުމަށްކަމަށެވެ.
އަދި އެ ވުޒާރާއާ ހަވާލުކޮށްފައިވަނީ އިމާރާތް ތަޅާލުމުގެ މަސައްކަތްކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަސް ތެރޭގައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ނިންމާ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއި ހަވާލުކުރުންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އެ އިމާރާތް ހުންނަ ސަރަހައްދަކީ ސުކޫލްތައް ގިނަ ސަރަހައްދަކަށް ވުމާއި އާންމުންގެ ގިނަ ބަޔަކު އިމާރާތުގެ ވަށައިގެން އުޅޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސުކޫލްތަކުގެ ދަރިވަރުންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަންޖެހޭކަމަށާއި، އަދި ދަރިވަރުން ކިޔަވަމުންދާތީއާއި ކުރިއަށް އޮތީ އިމްތިހާނު ދުވަސްވަރަށްވުމާއެކު މަގުމަތީގެ ހަލަބޮލިކަމަށްވެސް ވިސްނާގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
އެ އިމާރާތް ބާވެ ތަންބުތަކުގައި ރެނދުލާފައިވުމުގެ ސަބަބުން އަރަބިއްޔާ ސުކޫލްގެ ކިޔެވުން ވަގުތީގޮތުން ކުރީގެ ފޮރިން މިނިސްޓްރީ ހިނގި އިމާރާތައް ބަދަލުކުރިއެވެ.
އެއަށްފަހު ދަރުމަވަންތަ ސުކޫލްގެ އައު އިމާރާތް ނިމި އެތަނަށް ކިޔެވުން ބަދަލުކުރުމުން އަރަބިއްޔާ ސުކޫލްގެ ކިޔެވުން ކުރީގެ ދަރުމަވަންތަ ސުކޫލަށް ވަނީ ބަދަލުކޮށްފައެވެ. އަރަބިއްޔާ ސުކޫލްގެ ދާއިމީ އައު އިމާރާތް އެޅުމަށް ނިންމާ، އަމަލީ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ. އަރަބިއްޔާގެ އައު އިމާރާތް ބިނާކުރަނީ އެކުވެނި ޓްރެކާއި ޖެހިގެން އޮންނަ ބިމުގައިއެވެ.
މާލޭގައި ބައުވެ، ބޭނުން ނުކުރޭފަދަ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށް ފެންނަ އިމާރާތްތައް ތަޅާލުމުގެ މަސައްކަތް މީގެކުރިންވެސް އެ ވުޒާރާއިން ވަނީ ކޮށްފައެވެ.