މާލޭގެ މަގުތަކުން ފެން ހިންދުމަށް ފެށި އޮޕަރޭޝަނުގައި 6736 ޓަނުގެ ފެން ހިންދައިފިން: އެމްއެންޑީއެފް
ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި، މާލެއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވެއްޖެއެެވެ.
އެގޮތުން މާލެ ސީޓީގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް، މިއަދުގެ 13:37 ހާއިރުން ފެށިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި މާލެ ސިޓީގެ މަގުތަކުން ވަނީ މިހާތަނަށް 6736 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މި އޮޕަރޭޝަނުގައި، ސިފައިން ވަނީ މާލޭގެ ހަތް ސަރަހައްދެއްގައި ހަތް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަަސައްކަތްކޮށްފައެވެ.މި އޮޕަރޭޝަންގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާއި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެގޮތުން، ފެންބޮޑުވެ މާލޭ ސިޓީގެ ބައެއް އިމާރާތްތަކަށް ފެން ވަންނަމުންދާތީ، ވެލި ބަސްތާ ޖެހުމުގެ މަަސައްކަތް، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ކުރަމުންދާ އިރު، މިއަދު ކުރަމުންދާ ވިއްސާރައިގައި ފެން ވަންނަމުން ދިޔަ މާލެ ސިޓީގެ ބައެއްގޭގޭގައި ސިފައިން ވަނީ ވެލިބަސްތާ ޖަހައިދީފައެވެ.
މީގެއިތުރުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފެން ހިންދުމުގެ މަސައްކަތުގައި ދިވެހި ފުލުހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއަށް ކުރަމުން މިއަންނަ ވިއްސާރައާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސަލާމަތީ ބާރުތަކުން ވަނީ އިލްތިމާސްކޮށްފައެވެ.