ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް ވާނެ- މޫސުމަށް ސަމާލުވޭ: އެމްއެންޑީއެފް
ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ސިފައިން އިލްތިުމާސް ކޮށްފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ، ކުރިޔަށް އޮތް ތިން ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި، ވަކިން ޚާއްސަކޮށް މުޅި ރާއްޖެއަށް އާންމުގޮތެއްގައި ވިއްސާރަވެހި، ވައިބާރުވާނެ ކަމަށާއި، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސިފައިން ވަނީ އެދިފައެވެ.
މީގެއިތުރުން ކަނޑުދަތުރު ފަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހާލަތު ރަނގަޅުތޯ ޗެކުކޮށް، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށާއި އަދި ދޯނީގައި ލައިސަން ބެހެއްޓުމަށް ވެސް ސިފައިން ވަނީ އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުުރުން ރޭގަނޑު ދަތުރުކުރާނަމަ އިތުރަށް ސަމާލުވެ، ޑައިވިން އަދި ވޯޓަ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުވުމަށް އެދިފައިވެއެވެ.
އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.