އަތޮޅު ކައުންސިލް އުވާލާތީ ކުޑަހުވަދޫގައި މުޒާހަރާ ކޮށްފި
ލާމަރުކަޒީ ޤާނޫނުތަކާއި، އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން ރައްޔިތުގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ކުޑަހުވަދޫގައި އިއްޔެ މުޒާހަރާކޮށްފިއެވެ.
އިއްޔެ ހަވީރު ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ސުލްހަވެރި މުޒާހަރާގައި އެ ރަށުގެ އެކި ސިޔާސީ ފިކުރުގެ އެކި އުމުރުފުރައިގެ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޒަމާނުއްސުރެ ދ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ކުޑަހުވަދޫ އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭތީ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ޤާނޫނަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ ތިން ކައުންސިލަރުންނާއި، 2000 އަށް ވުރެ ބޮޑު ނަމަ ފަސް ކައުންސިލަރުން އިންތިހާބު ކުރުމަށް ހިމެނެ އެވެ.
އަދި ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ލާޒިމު ކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ކައުންސިލަރުންގެ އަދަދެވެ.
މީގެ އިތުރުން، މި ބިލްގައިވާ އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ހިމެނެއެވެ.
އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އެ އިދާރާއަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކައުންސިލްތަކުން ރަސްމީކޮށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ކަނޑައަޅާފައިވެއެވެ.
އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ، 231 ވަނަ މާއްދާގެ ހ. ގެ ތިން ވަނަ ނަންބަރު، އަދި 231 ވަނަ މާއްދާގެ ށ. ގައިވާ އަތޮޅު ކައުންސިލާ ގުޅޭ ބަސް އުނިކުރުމަށް ވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
މި ބަދަލުތަކާއި ދެކޮޅަށް ކުޑަހުވަދޫގެ މުޒާހަރާގެ ބައިވެރިން އިއްޔެ ވަނީ އަޑުއުފުލާފަ އެވެ.