Advertisement

އެއް އަހަރުން ނިންމަން ބުނި އެސްޖޭ މިސްކިތް ނުނިމި ތިންވަނަ އަހަރު - މި ރޯދަމަހަށް ނިމޭނެތަ ؟

22 Nov 2025 | 11:18
އެސްޖޭ މިސްކިތް މިހާރު - ފޮޓޯ: ވޮއިސް

އެސްޖޭއިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް އަންނަ ރޯދައަށް ވެސް ނިމޭނެ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައިފިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި އާއްމު ފަރުދެއްގެ ހެޔޮއެދުމާއި އެކު ބިނާކުރަމުންގެންދާ މިސްކިތުގެ މަސައްކަތް ނިމިފައިވާކަމަށް ބުނެ، ޑިސެމްބަރުމަހުގެ ތެރޭގައި އެ މިސްކިތް ހުޅުވުމަށް ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އިއްޔެ ހާމަކުރުމާއި އެކީ ގިނަ ބައެއް ސުވާލު އުފެއްދީ ފޭސް ދޭއް ސަލާހުއްދީން ސްކޫލް ކައިރީ އެސްޖޭއިން ބިނާކުރަމުންދާ މިސްކިތް ނިމޭނެ ދުވަހަކާއި މެދުއެވެ.

Advertisement

މި މަސައްކަތާއި ގުޅިގެން މިއަހަރު ފެބަރުއަރީ މަހު އިސްލާމިކް މިނިސްޓްރީން ބުނީ، އެސްޖޭއިން ބިނާކުރަމުންދާ މިސްކިތް މިއަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ނިމޭނޭކަމަށް އެކުންފުނިން ބުނެފައިވާކަމަށެވެ. އިސްލާމިކް މިނިސްޓްރީން އޭރު އެފަދައިން ބުނި އޭރު  ކުރިއަށްދާކަމަށް ބުނެފައިވަނީ އެ މިސްކިތުގެ ކޮންކްރިޓް އަރޗްތައް ހެދުމުގެ މަސައްކަތެވެ.

މީގެއިތުރުން، އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ނޮމްބަރުމަހު މިސްކިތް އިމާރާތްކުރާ ސައިޓަށްގޮސް ބެލުމަށްފަހު އޭރު ބުނީ، މިއަހަރުގެ ޖޫންމަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާލެވޭނޭކަމަށް އެސްޖޭއިން ބުނެފައިވާކަމަށެވެ.

އެސްޖޭއިން މިސްކިތް މަސައްކަތް މަޑުޖެއްސުމަށް ފަހު އޭރު އަލުން ފެށީ، އާއްމުންގެ ގިނަ ބަޔަކު އެ ވާހަކަތައް އެއް އަޑަކަށް ދައްކަން ފެށުމުންނެވެ.

އޭރު މަސައްކަތް ލަސްވަމުން ދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނީ، މަސައްކަތްތައް މަޑު ޖެހުނީ ފައުޑޭޝަން އެޅިފަހުން ބެންޗްމާކްތަކުގައި މައްސަލަތަކެއް ދިމާވެގެން ކަމަށެވެ.

އެސްޖޭއިން މި އަހަރުގެ ޑިސެމްބަރަށް މިސްކިތް ނިންމަން ބުނިތާ 8 މަސްދުވަސް ފާއިތވެގެން ގޮސްފައިވާއިރުވެސް، މިސްކިތު މަސައްކަތަށް އަދި މާބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ތަނެއް ނުފެނެއެވެ.

އެސްޖޭ މިސްކިތް މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، މިސްކިތުގެ ބޭރުފާރުގައި ސިމެންތި ޖަހާފައިވެއެވެ. އެހެންނަމަވެސް މިސްކިތުގެ އެތެރޭގެ މަސައްކަތްތައް މާބޮޑަށް ކުރިއަށްގޮސްފައިވާތަނެއް ނުފެނެއެވެ. 

އެސްޖޭ މިސްކިތް ބިނާ ކުރުމުގައި އެ ކުންފުނީގެ ސްޕީޑް ހުރި މިންވަރަށް ބަލާ އެ ސަރަހައްދުގައި އުޅޭ ފަރާތްތަކުން ބުނަނީ ކުރިއަށް އޮތް ފަސް އަހަރުވެސް އެ މިސްކިތް އިމާރާތްކޮށް ނުނިމޭނެ ކަމަށެވެ. އަދި އެފަދަ ތަނެއް އަވަސް ހާލަތެއްގައި ބިނާ ކުރުމަށް ބޭނުންވާވަރަށް މަސައްކަތްތައް ނުކުރެވޭ ކަމާއި، އެފަދަ މަސައްކަތަކަށް އެކަށީގެންވާ އަދަދަކަށް މީހުން މަސައްކަތް ކުރަން އުޅޭތަން ނުފެންނަ ކަމަށް އާއްމުން ބުނެއެވެ.

އެސްޖޭއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރީ، 2022 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައެެވެ. އެ އެއްބަސްވުމުގައި އޮތީ އަހަރެއް ދުވަހުތެރޭގައި މިސްކިތް ބިނާކޮށް ނިންމާގޮތަށެވެ. އެ މިސްކިތަކީ އެއްފަހަރާއި 1،400 މީހުންނަށް އެތެރޭގައި ނަމާދުކުރެވޭނެ ބޮޑު ޖާގައެއްވާ، އަދި ބޭރާއިއެކު އެއްފަހަރާ 3،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެހެން ޑިޒައިން ކޮށްފައިވާ މިސްކިތެއް ކަމަށް އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް
ތޯހާ
ވިނަރެސް ކައިރީ ހުރި މިސްކިތް ވެސް ހަމަ ސޭމް
22 Nov 2025