ގުޅީފަޅުން 2319 ގޯތި ހަވާލުކޮށްފި
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރު ގޯތިތަކުގެ ތެރެއިން ގުޅީފަޅުން 2319 ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެމްޑީޕީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީ ފަޅުން ގޯތި ދިނުމަށް ހެދި ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސިއެވެ.
އެހެން ކަމުން، ކުރީގެ ރަޖިސްޓަރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅައި ގޯތީގެ ރަޖިސްޓަރީ ދޫކުރަން ފެށި މިދިޔަ ޖުލައި މަހުގަ އެވެ.
އެގޮތުން ގޯތި ދޫކުރުމުގެ އުސޫލަށް ފުށުއަރާ ކަންތައްތަކެއް އައު އެއްބަސްވުމުގައި ހުރި ކަމަށް ބުނެ، ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އައު އެއްބަސްވުމުގައި ސޮއިކުރަން ބައެއް މީހުން ދެކޮޅު ހަދަމުންދަނިކޮށް، މިނިސްޓްރީން ވަނީ އާ ރަޖިސްޓަރީ އާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު މުއްދަތު ދީފަ އެވެ.
މިނިސްޓްރީން ދިން މުއްދަތު މި މަހުގެ ހަ ވަނަ ދުވަހަށް ހަމަވެފައިވާއިރު، ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާތަނަށް 2،319 މީހަކަށް ރަޖިސްޓަރީ ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 25 މީހަކަށް ޕްލޮޓް ހަވާލުކޮށްފައިވާ ކަމަށެވެ.
މި ސަރުކާރުން ގުޅިފަޅުން 2,438 ގޯތި ދޭން ނިންމާފައިވެއެވެ.
އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެހެންކަމުން، މިހާތަނަށް ރަޖިސްޓަރީ ހަވާލުނުކުރެވި އޮތީ 119 ފަރާތަކަށެވެ.
ހައުސިންގ މިނިސްޓްރީން ބުނީ، ކުރީ ސަރުކާރުން ގޯތި ލިބުނު ފަރާތްތަކާއި އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި އެ މިނިސްޓްރީން ފަހުމް އެއްބަސްވުމެއް ހަދަން ނިންމީ އެ ފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
ގޯތީގެ މައްސަލައާއި ގުޅިގެން އެ މިނިސްޓްރީން ކުރިން ނެރުނު ބަޔާނުގައި ވަނީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައި ވީނަމަވެސް، އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ފަހުން ބަދަލެއް ގެނަައުމާއިއެކު، ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނުވަތަ ބިމުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ.
އަދި ފަހުން ބިން ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅީ އަލުން ގުރުނަގައިގެން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.