ދިވެހިރާއްޖެ އަޑުުގެ ކުރުވާހަކަ އަދި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގެ އަޑުން ބާއްވާ ކުރު ވާހަކަ މުބާރާތާއި، ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ އަޑުން ބުނީ، ކުރު ވާހަކަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޕީއެސްއެމްގެ ވެބްސައިޓުގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށައަޅަން ޖެހޭނެ ކަމަށެވެ. އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޤުރުުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިން، ނަން ނޯޓުކުރަން ޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން ބުނެފައިވެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ އަޑުން ބުނީ، ގިނަ އަދަދެއްގެ ކުދިން ބައިވެރިިވާ މި މުބާރާތުން 40 މާކްސްއިން މަތި ހޯދާ ކުދިންގެ ކިޔެވުން ޓީވީ އަދި ރޭޑިިއޯއިން ގެންނާނެ ކަމަށެވެ.
ވާހަކަ މުބާރާތުގެ ކިޔުންތެރިންނަށް ދިވެހިރާއްޖޭގެ އަޑުން އެހީތެރިކަން ވާހަކަ ކިރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެ ރިކޯޑިންތައް ރޭޑިޔޯއިން އިއްވާނެ ކަމަށް ކުރު ވާހަކަ މުބާރާތުގެ ޕްރޮޑިއުސަރ ނާފިޒާ ޢަބްދުއްރަޝީދު ވިދާޅުވިއެވެ.
ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތަކީ، ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެއް ކަމަށް ދިވެހިރާއްޖެ އަޑުން ބުނެފައިވެއެވެ. އަދި މި މުބާރާތުގައި ބައިވެރިވެވޭނީ، 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ.
ދިވެހިރާއްޖެ އަޑުން ބާއްވާ ކުރު ވާހަކަ މުބާރާތުގެ މަޤުޞަދަކީ، ދިވެހިބަހުގެ ކިޔުންތެރިކަމާއި ހުށަހެޅުންތެރިކަމުގެ ފަންނު ދިރުވައި އާލާކޮށް، އެ ފަންނާ މެދު މީހުން ޝައުޤުވެރި ކުރުވުމާއެކު އަދަބީ ގޮތުންނާއި، ފިކުރީ ގޮތުން ފެންވަރު ރަނގަޅު އުފެއްދުންތަކަށް މަގުފަހި ކުރުމާއި އެފަދަ އުފެއްދުންތަކުގެ ޒަރިއްޔާއިން މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދިނުމެވެ.
މި މުބާރާތުގައި ލިޔުންތެރިއެއް އަދި ކިޔުންތެރިއެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. މިގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން ބުނެފައިވެއެވެ.
މި މުބާރާތްތަކުގެ ރިކޯޑިންތައް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ދިވެހިރާއްޖޭގެ އަޑުން ދައްކައެވެ.