އެއާ އެމްބިއުލާންސްގެ ހިދުމަތް ތައިލެންޑާއި ދުބާއިއަށް ފުޅާކުރަނީ
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައިލެންޑާއި ދުބާއިއަށް ފުޅާކުރުމަށް ގައުމީ އެއަރ ލައިން މޯލްޑިވިއަން އިން ސޮއި ކޮށްފިިއެވެ.
އެއާރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނަސީރާއި އައިލެންޑު އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދެވެ.
ސަރުކާރުން މިދިޔަ އަހަރު މާރޗް މަހުގައި ފެށި އެއާ އެމްބިއުލާންސްއިން މިހާތަނަށް ސިއްހީ ކުއްލި ހާލަތްތަކުގައި 1،840 މީހުން ފަރުވާ އަށް މާލެ ގެނެސްފައިވެއެވެ.
އެއާ އެމްބިއުލާންސް ޚިދުމަތް ފެށި ފަހުން އަދިި ދަތުރުކުރަނީ މާލެ އަށް އެކަންޏެވެ.އަދި ސަރުކާރުން އެ ޚިދުމަތް ފުޅާ ކުރުމަށސް ސްރީ ލަންކާ އަށް ދަތުރުތައް ފެށުމަށް މަޝްވަރާކޮށް، ގޮތްތަކެއް ނިމިފައިވީ ނަމަވެސް އަދި ސޮއި ކޮށްފައެއް ނުވެއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ، އާސަންދައިން އެޕްރޫވްކޮށް، ހެލްތު މިނިސްޓްރީގައި އޮންނަ ކޮމެޓީއަކުން ހުއްދަ ލިބުމުންނެވެ.
އެގޮތުން އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިޔާސް މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ މޯލްޑިވިއަންގެ ދައުރަކީ ތައިލެންޑާއި ދުބާއީ އަށް ބަލި މީހަކު ފޮނުވަން ޑޮކްޓަރު ލަފާދީ އަދި އެކަމުގެ ހުރިހާ ހުއްދައެއް ލިބުމުން، އެ ދަތުރުތައް ހަމަޖެއްސުން ކަމަށެވެ.