ރިވައިވަލް އިން ޒެމްބިއާގެ އިންޓަނޭޝަނަލް ދެ އިވެންޓެއްގެ ފައިނަލަށް
ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ ދެ އިވެންޓެއްގެ ފައިނަލުން ރިވައިވަލް ސްޕޯޓްސްގައި ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އަދި ޒަޔާން ޒަކީ ޖާގަ ހޯދައިފިއެވެ.
ޒަޔާން އަދި ނަބާހާގެ ޕެއާ މިކްސް ޑަބަލްސް ފައިނަލުން ފުރުސަތު ހޯދިއިރު، ނަބީހާ އާއި ނަބާހާގެ ޕެއާ އިން ވަނީ އަންހެން ޑަބަލްސް ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.
އެގޮތުން މި ތިން ބައިވެރިންގެ އިތުރުން ދެން ރިވައިވަލް އިން ޒެމްބިއާ މުބާރާތް ހިމެނޭ ގޮތަށް އެފްރިކާގެ ތިން މުބާރާތެއްގައި ކުޅޭ ސްކޮޑުގައި ހިމެނެނީ، ނިބާލް އަހުމަދު، ހައިޝަމް އިބްރާހިމް އަލީ، ހަސަން ޒަޔާން އެވެ. މިދިޔަ ސެޕްޓެމްބަރު މަހު، ބީޑަބްލިއުއެފް އިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއިތަކެއްް ދިނުމުން މިއީ، ރާއްޖޭގެ ކުޅުންތެރިން ބީޑަބްލިއުއެފްގެ މުބާރާތްތަކުގައި ބްރޭކަކަށް ފަހު ވާދަކުރާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި މިކްސް ޑަބަލްސް ކުއާޓާ ފައިނަލުގައި ޒަޔާން އާއި ނަބާހާގެ ޕެއާ އިން ވަނީ ޒެމްބިއާގެ ޕެއާ އެއް ކަމަށްވާ ޕަލާޝް ޕްރަންޖަލް އާއި ބޫޕޭ މާބޯ އަތުން 21-03، 21-04 މޮޅު ހޯދާފައެވެ. އަދި ސެމީ ފައިނަލުގައި، ޒެމްބިއާގެ ޗެންގޯ އެޒްރާ އާއި މެރީ ޗިލަމްބޭގެ ޕެއާ އަތުން ޒަޔާން އާއި ނަބާހާ މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ.
މިއަދު ފައިނަލުގައި ނަބާހާ އަދި ޒަޔާން ކުޅޭނީ މިސްރުގެ އިއްޒަތު ކަރީމް އާއި ނޫރު އަހުމަދުގެ ޕެއާއާއި އެކު އެވެ.
މިއީ، ބީޑަބްލިއުއެފް މުބާރާތްތަކުގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ކުޅޭ ތިން ވަނަ ފައިނަލެވެ. މީގެ ކުރިން، 2019 ވަނަ އަހަރު ޕާކިސްތާނުގައި، މިދިޔަ އަހަރު ބޮޓްސްވާނާގައި އަދި މި އަހަރު މި ވަނީ ޒެމްބިއާގައި ފައިނަލަށް ދަތުުރުކޮށްފަ އެވެ.
އަންހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ނަބީހާ އާއި ނަބާހާ ވަނީ ޒެމްބިއާގެ އެލިޒަބަތު ޗިޕެލްމޭ އާއި އެންގާންޑްވޭ މިޔަމްބޯ އަތުން 21-04، 21-03 އިން މޮޅުވެފަ އެވެ.
މީގެއިތުރުން ސެމީ ފައިނަލުގައި ނަބީހާ އާއި ނަބާހާގެ ޕެއާއާ ކުޅެން އޮތް ޓީމުން ވަކިވުމުން، ފައިނަލުގެ ޖާގަ ކަށަވަރުވީ އެވެ. ބީޑަބްލިއުއެފް މުބާރާތްތަކުގެ އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާ ކުޅޭ ހަތަރު ވަނަ ފައިނަލުގައި، މި ފަހަރުގެ ޒެމްބިއާ އިންޓަނޭޝަނަލްގައި ނުކުންނާނީ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒްއާ ދެކޮޅަށެވެ.
މި މުބާރާތުގައި ފިރިހެން ސިންގަލްސް ކޮލިފައިންގައި ހައިޝަމް އަދި ހަސަން ޒަޔާން ވެސް ބަލިވީ އިންޑިއާގެ ސްރީ ޔަޝްވަންތު އަތުންނެވެ. ހައިޝަމް އަތުން ސެޓުތައް ގެންދިޔައީ 21-12، 21-11 އިންނެވެ. އަދި ހަަސަން ޒަޔާން އަތުން ސެޓުތައް ގެންދިޔައީ، 21-12، 21-10 އިންނެވެ.
ފިރިހެން ސިންގަލްސްގައި ނިބާލް ބަލިވީ ގަދަ 32 ކުޅުންތެރިންގެ ބުރުގައި އިންޑިއާގެ އަކްޝޭ ސައި އަތުން ދެ ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ، 21-18، 19-21 އަދި 21-14 އިންނެވެ. ހަމަ އެ ބުރުގައި ޒަޔާން ޒަކީ ބަލިވީ 21-19، 21-15 އިން އިންޑިއާގެ އާދިތުޔަން އަތުންނެވެ.
އަންހެން ސިންގަލްސްގެ ގަދަ 32 ކުުޅުންތެރިންގެ ބުރުގައި ޖޮހަނީޓާ އަތުން ނަބީހާ ބަލިވީ ތިން ސެޓު ކުޅެގެން، 21-10، 21-18، 21-3 އިންނެވެ. އެ ކުއާޓާގައި ނަބާހާ ވަނީ ޓަކޫޒާ އެމްބެވޭ އަތުން 21-03، 21-07 އިން މޮޅުވެ، ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ. އެ ކުއާޓާގައި މިސްރުގެ ނޫރު އަތުން ތިން ސެޓަށް ގޮސްގެން ބަލިވީ އެވެ. ސެޓުތައް ދިޔައީ 21-15، 17-21 އަދި 21-11 އިންނެވެ.
ފިރިހެން ޑަބަލްސްގައި ހަސަން ޒަޔާން އާއި ހައިޝަމްގެ ޕެއާ ބަލިވީ ގަދަ 32 ގެ ބުރުގައި، ޒިމްބާބްވޭގެ ޕޯލް ކިޕޯލޯ އާއި ތަބާނީ މާތޭ އަތުން ތިން ސެޓަށް ގޮސްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-18، 20-22 އަދި 22-24 އިންނެވެ. ފިރިހެން ޑަބަލްސްގެ ގަދަ 16 ބުރުގައި، ޒަޔާން އާއި ނިބާލްގެ ޕެއާ އަތުން އިންޑިއާގެ އަނޫޖް ކާލޭ އާއި އިއަން ލޮޕޭޒް މޮޅުވީ 21-13، 21-06 އިންނެވެ.