މާދަމާއަށް ފަހު އެންމެ ބިދޭސީއަކަސް ބަޔޯމެޓްރިކްސް ނުދީ މި ޤައުމަކު ނުހުރެވޭނެ- ވަގުތުން ޑީޕޯޓު ކުރާނެ: ރައީސް މުއިއްޒު
ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާއިރު، މާދަމާއަށް ފަހު އެންމެ ބިދޭސީއަކަސް ބަޔޯމެޓްރިކްސް ނުދީ މި ޤައުމަކު ނުހުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީ ބޮޑު ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މާދަމާއަށް ފަހު ބަޔޯމެޓްރިކްސް ނުދޭ އެއްވެސް ބިދޭސީއަކަށް މި ޤައުމުގައި ނުހުރެވޭނެ ކަމަށާއި، ވަގުތުން ޑީޕޯޓު ކުރެވޭނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ، ރައީސްގެ ބައެއް ވައުފުޅުތަކާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި ނުގަވައިދުން އުޅުނު އެކި އެކި މީހުންނާއި، ކުށް ކުރި މީހުންނާއި، ރެގިއުލަރައިޒް ނުކުރާ މީހުންނާއި، ކުރަން ބޭނުން ނުވާ މީހުންނާއި، އެއްކޮށްގެން މިދިޔަ ދެ އަހަރެއް ހާ ދުވަސް ތެރޭގައި 9021 ބިދޭސީން މި ގައުމުން ޑީޕޯޓުކޮށްފިން
ރައީސް މުއިއްޒު
ރައީސް ވިދާޅުވީ، އެއީ މިދިޔަ ސަރުކާރާ އަޅާ ބަލާ އިރު 143 އިންސައްތަ ގިނަ އަދަދެއް ކަމަށެވެ.
ހުރިހާ ސަރުކާރެއްގައިވެސް އޮތް މައްސަލައެއް. ބޮޑުވަމުން ބޮޑުވަމުން އައި މައްސަލައެއް. އެއްވެސް ކަމެއް ނުވި. އަޅުގަނޑުމެން ފެށި އޮޕަރޭޝަންގައި މިއަދާ ހަމައަށް އައި އިރުގައި ރާއްޖޭގައި ކިތައް މީހުން ކަމެއް ނޭނގެ ބިދޭސީން ތިބީ. އެއްވެސް ތަފާސް ހިސާބެއް މައުލޫމާތެއް ނެތް. އަޅުގަނޑުމެން ފެށި އޮޕަރޭޝަން މިއަދާ ހަމައަށް އައިރުުގައި އެއް ލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ތޭވީސް ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖޭގައި ތިބި ބިދޭސީނަކީ ކޮބައިކަމާއި، މި މީހުން ތިބީ ކޮންތަނެއްގައި ކަމާއި، މިހުރިހާ ކަމެއް. މާދަމާއަށް މި ހަމަވަނީ މުއްދަތު. މާދަމާއާއި ހަމައަށް ރަޖިސްޓަރ ނުވާ ނުވަތަ ބަޔޯ މެޓްރިކްސް ނުދޭ ބިދޭސީއަކު، އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަނުގައި ފެނިއްޖެއްޔާ ވަގުތުން ޑީޕޯޓު ކޮށްލެވޭނެ
ރައީސް މުއިއްޒު
ރައީސް ވިދާޅުވީ، މާދަމާއިން ފެށިގެން ނުގަވައިދުން އުޅޭ އެންމެ ބިދޭސީއަކަށް ވެސް މި ޤައުމުގައި ނުހުރެވޭނެ ކަމަށެވެ.
ޕީއެންސީގެ މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. ޖަލްސާގައި ބައިވެރި ވުމަށް އެކި އެކި ރަށްރަށުން އިއްޔެއާއި މިއަދު ވަނީ މާލެ އަށް ގޮސްފައެވެ.