ޕީއެންސީ ލަޝްކަރަކީ ޤައުމު އިސްކުރާ ލަޝްކަރު- ސިޔާސީގޮތުން ބަދަލު ހިފުމެއް ނޯންނާނެ: ރައީސް މުއިިއްޒު
ޕީއެންސީ ލަޝްކަރަކީ އެންމެ ފުރަތަމަ ޤައުމު އިސްކުރާ ލަޝްކަރު ކަމަށާއި، މި ސަރުކާރުން ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީން ބާއްވާ ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ އިސްކުރައްވަނީ ގައުމުގެ ހަމަޖެހުން ގާއިމް ކުރެއްވުން ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސީ ބޭނުމުގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ސިޔާސީ ވިސްނުމުގައި ކޮންމެ ކަމެއް ކުރިއަސް އެ މިނިވަންކަން މި ގައުމުގައި އޮންނާނެ. މީގެ ކުރީގަ އެހެނެއް ނޫން. އެއް އަހަރު ވާއިރު އަދި އަމްދުން ދެ އަހަރު ވާއިރުގަ އެންމެން ތިބެނީ ޖަލުގަ. އަޅުގަނޑުމެން އެހެނެއް ނަހަދާނަން. ސިޔާސީ ގޮތުން ނޯންނާނެބަ ބަދަލު ހިފުމެއް. އަޅުގަނޑު ދެންނެވިން ބަދަލު ހިފުމުގެ ރޫހު އަޅުގަނޑުމެން ނުގެންދާނަމޭ ކުރިއަކަށްށެއް. މިއަދާ ހަމައަށް އައި އިރު އެއްވެސް ވަރަކަށް ނޯންނާނެ ބަދަލު ހިފުމުގެ ރޫޙު ތަންފީޒުކޮށްފައެއް. އަދި އެގޮތަށް އަމަލު ކޮށްފައެއް "
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ޤައުމަށް ހަގީގީ ހަމަޖެހުން އަންނަ ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ހަގީގީ ހަމަޖެހުން އަންނާނީ އެ ބަދަލު ހިފުމުގެ ނުބައި އޮއެވަރު މިގައުމުން ނައްޓާލައިގެން ކަމަށެވެ.
އަދި ޕީއެންސީގެ ލަޝްކަރަކީ ޤައުމު އިސްކުރާ ލަޝްކަރު ކަމަށާއި، އެ ލަޝްކަރުން މަސައްކަތް ކޮށްފައިވާނީ ގައުމު އިސްކޮށްގެން ކަމަށާއި، އަމިއްލަ ކަންކަމަށް ވުރެން ޕީއެންސީ ރައްޔިތުން އިސްކުރީ ޤައުމު ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މިރޭ ޕީއެންސީން ބާއްވާ ބޮޑު އެއްވުމުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވާއިރު، އެ ސަރަހައްދު އެއްކޮށް އޮތީ ތޮއް ޖެހިފައެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އެކި ރަށްރަށުން އިއްޔެއިން ފެށިގެން އައީ މާލެ އަންނަމުންނެވެ.