Advertisement

ދިރާގު ރޯޑް ރޭސް ވަނަތަކަށް ދިޔަ ފަރާތްތަކާ އިނާމު ހަވާލުކޮށްފި

14 Nov 2025 | 16:00
-

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2025 ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.

މި އަހަރުގެ ޑީ.އެމް.އާރް.އާރްގައި ވަނަވަނައަށް ހޮވުނު ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާގެ ފާއިސާގެ އިނާމު ވަނީ ދިރާގުން ދީފައެވެ.

Advertisement

މިގޮތުން، 21.5 ހާސް ކެޓެގަރީގެ ޗެމްޕިއަންއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ހަދިޔާކޮށްފައިވާއިރު ރަނަރަޕްއަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފައިވެއެވެ.

ފަސް ހާސް، ދިހަ ހާސް އޯޕަން އަދި ފަސް ހާސް  ކޯޕަރޭޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް 10,000 ރުފިޔާ ދީފައިވެއެވެ. ރަނަރަޕްއަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 6,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން ފަސް ހާސް ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ ހާއްސަ ގިފްޓް ވައުޗަރ ހަވާލުކޮށްފައެވެ. އެއީ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕްއަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕް އަށް 1,000 ރުފިޔާގެ ވައުޗަރުތަކެވެ.

މި ހާއްސަ ހަފްލާގައި ދިރާގުން ވަނީ 21.1ހާސް  އަދި 10ހާސް ކެޓެގަރީތަކުން 45 އިން 50 އަހަރާއި، 51 އިން 55 އަހަރާއި، 56 އިން 60 އަހަރު އަދި 61 އިން 65 އަހަރުގެ އުމުރުފުރާތަކުން 1ވަނަ، 2ވަނަ އަދި 3ވަނައަށް ދިޔަ ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

''އަޅުގަޑުމެންގެ ނަޒަރުގައި ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ރާއްޖޭގައި ބޭއްވޭ އެއްމެބޮޑު ދުވުމުގެ ރޭހުގެއިތުރުން، ކުޑަކުދިންގެ ހައްގުތަށް ރައްކައުތެރިކުރުމުގެ ޝިޔާރުގައި ހިންގޭ، އަދި މިކަމަށް މަސައްކަތްކުރާ އެތަށް ޖަމްއިއްޔާއަކަށް މަންފާލިބޭ ބޮޑު އިޖްތިމާއީ ހަރަކާތެއް. މި ދުވުން ރަމްޒު ކޮށްދެނީ މުޖުތަމައުގެ އެއްބައިވަންތަކަމާއި، އެންމެންގެބައިވެރިވުން، އަދި ދެމެހެއްޓެނިވި ވެށްޓެއް ކަށަވަރުކުރުމަށް އަޅުގަޑުމެން ކުރަމުންދާ މަސައްކަތް. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ބައިވެރިން އަދި އެހީތެރިވެދެއްވި ފަރާތްތަކުން މި މިކަމަށްދެއްވައި ތަރުހީބަށާއި އަދި މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކާމިޔާބު ރެކޯޑް ރޭހަކަށް ހެއްދެވުމަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން''

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގް ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުން ވަނީ މި ހަފްލާގައި ޖުމްލަ 678،800 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެން.ޖީ.އޯތަކަށް ހަދިޔާކޮށްފައެވެ.

އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެން.ޖީ.އޯއަކަށް ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅާފައެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ހާއްސަ ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 13 އެން.ޖީ.އޯއަށް ހަވާލުކޮށްފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ބޭއްވި މި ދުވުމުގެ 16 ވަނަ އެޑިޝަން ބާއްވާފައި ވަނީ 24 އޮކްޓޫބަރު 2025 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 4،500 އަށް ވުރި ގިނަ ބައިވެރިން މި ދުވުމުގައި ރެޖިސްޓަރ ކުރިއިރު 44 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 28 ސްކޫލާއި 128ޱކޯޕަރޭޓް ޓީމް ވަނީ ބައިވެރިވެފައެވެ. އަދި މިއަހަރުގެ ރޭހުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވަނީ ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފައެވެ. މި ގޮތުން، ޑީ.އެމް.އާރް.އާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލަރ ސިސްޓަމް މެދުވެރިކޮށް ވަނީ %100 އޮފް-ސެޓްކޮށްފައެވެ.

މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 30 އޮކްޓޫބަރު 2025 ގައި ބާއްވާނެކަމަށްވެސް އިއުލާނުކޮށްފައެވެ.

ޑީ.އެމް.އާރް.އާރްއަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

Advertisement

ކޮމެންޓް