މުހަންމާކަލޯގެ ޕިންކީ ސައީދުދެކެ ރުޅިގަދަވެއްޖެ - ޕިންކީވެސް ބުނީ މިރޭ ދާނަން ކަމަށް !
2000 ގެ ކުރީކޮޅު ދިވެހި ފިލްމްތަކުގެ އެންމެ އުހުގައި ހަރަކާތްތެރިވި "ޕިންކީ" އަހަރުތަކަކަށް ފަހު އާއްމުންނަށް ފެނިލުން ވަރަށް ތަފާތެވެވެ. މިފަހަރުވެސް ފެނިލީ ހަމަ ކުރީގެ ކެރެކްޓާގައެވެ.
ޕިންކީ އެންމެ ފަހުން އެ ދާއިިރާއިން ފެނުނީ މީގެ 17 ވަރަކަށް އަހަރު ކުރިންނެވެ. ފިލްމީ ދާއިރާއިން ނުފެނި ހުރެ، މިފަހަރު މި ފެނުނީ ޕީއެންސީގެ މިރޭ އޮންނަ ޖަލްސާގެ ޕްރޮމޯޝަން ވީޑިއޯއެއްގައި މުހަންމާއާއި ސައީދު އާއި އެކުއެވެ.
ކުރީގެ އެންމެ މަގުބޫލު ފިލްމު އަދި ލަވަތަކުގެ އެންމެ އާއްމު މޫނަކީ ޕިންކީ އަދި މުހަންމާއެވެ. އޭގެތެރޭގައި އަދިވެސް ދިވެހިން ހަނދާން ހުންނަ އެއް ލަވައަކީ " އާހަ ކަޑަ ބޮއް ކަޑަ ބޮއް" ލަވައެވެ.
ޕީއެންސީގެ ޖަލްސާގެ ޕްރޮމޯޝަނަލް ވީޑިއޯ އަކުން ޕިންކީ ފެނުނީ ސައީދު ދެކެ ރުޅި އައިސް ހުރި ރޯލަކުންނެވެ.
ޖަލްސާއަށް އަންނަން ވާނެ ކަމަށް ސައީދު ބުނުމުން ރުޅިގަދަވެ ސިތޫ (ޕިންކީ) ވަނީ ޖަލްސާއަށް ދާނެ ކަމަށް ބުނެފައެވެ. ސައީދު އަދި ޕިންކީގެ ރޯލުން ޖަލްސާއަށް ދާނެ ސަބަބުތައް ކިޔައިދިން އިރު މުހަންމާ ރޯލުގައި މަސައްކަތް ކުރީ އެ ދެމީހުން ސުލްހަ ކުރާށެވެ. މިއީ އޭރުވެސް މައްޝޫރު "ބުންޏޭ ބުންޏޭ" ފަދަ މަޖާ ފިލްމުތަކުން ޕިންކީ ފެންނަ ފަދަ ކެރެކްޓާ އެކެވެ.
ޕީއެންސީ ޖަލްސާގެ ޕްރޮމޯޝަނަލް ވީޑިއޯތަކުން ގިނަ ފިލްމީ ތަރިން ފެނިފައިވެއެވެ. އެގޮތުން ހަމަ މިފަދަ ރޯލަކުން މަރިޔަމް ނިޝާ، ޔޫސުފް ޝަފީއު ފަދަ ތަރިންވެސް ފެނިފައި ވެއެވެ.
މިރޭ މި ބާއްވާ ޖަލްސާ އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއްވުން ކަމަށް ޕީއެންސީން ދަނީ ބުނަމުންނެވެ.