ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބުމަކީ ފަޚުރެއް - ކުށަށް މަޢާފަށް އެދެން: އައިހަމް
ރާއްޖެ ތަމްސީލު ކުރަން ލިބުމަކީ ކޮންމެ އެތްލީޓަކަށް ވެސް ލިބޭ ފަހުރެއް ކަމަށާއި، ކުރެވުނު ކުށަށް ފުޓްބޯޅަ އެސޯސިއޭޝަން އަދި ފޭނުންގެ ކިބައިން މާފަށް އެދޭ ކަމަށް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ބުނެފިއެވެ.
އައިހަމް މިހެން ބުނީ ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
ގައުމީ ޓީމުން އައިހަމް ބޭރުކޮށްލާފައި މިވަނީ މި މަހު ތިން 3 ވަނަ ދުވަހު ހއ އުތީމުގައި ބޭއްވި ތިލަ އުތުރު ފުޓްސަލް މުބާރާތެއްގައި ބައިވެރިވެ، ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ކުޅެއް އޮތް މެޗުގެ ޕްރެކްޓިސް ފެށިއިރުވެސް ޕްރެކްޓިސްއަށް ހާޒިރު ނުވެ، އެ މުބާރާތުގައި ކުޅެމުން ދަނިކޮށެވެ.
މިކަމާއި ގުޅިގެން ސޯސަލް މީޑިއާގައި ގިނަ ފަރާތްތަކަކުން ފާޑު ކިޔަމުން ދާ މި ދަނޑިވަޅުގައި އައިހަމް މިވަނީ އައިހަމްގެ ފޭނުން އަދި ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ކިބައިން މާފަށް އެދިފައެވެ. އަދި އައިހަމް ކުރި ކަމަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ކިބައިން ފެންނަން ޖެހޭނެ ފަދަ އަމަލެއް ނޫން ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ބުނެފައި ވެއެވެ.
މި ތަޖުރިބާއިން ފިލާވަޅެއް ދަސްވެއްޖެ ކަމަށާއި އިތުރަށް ހިތްވަރާއި އެކު މަސައްކަތްކޮށް އަމިއްލަ ނަފްސު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން، އެފްއެމްއޭއަށާއި، ކޯޗު އަދި އޭނާގެ ސަޕޯޓަރުންނަށް އައިހަމް ދީފައިިވެއެވެ.