ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ދިވެހި ފުލުހުންގެ އެބަހުރި: ސީޕީ
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިފަދައިން ވިދާޅުވީ ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަވީން ވިދާޅުވީ، މިރެއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަންއަކުރުން ފަވައިލެވޭނެ ތާރީހީ ރެއެއް ކަމަށާއި 2004 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅި އޭގެ 21 އަހަރު ފަހުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އިންނަމާދޫގައި ޕޮލިސް ސްޓޭޝަން ހުޅުވުމަކީ ލިބިގެންދިޔަ އުފާވެރިކަމެއް ކަމަށެވެ.
އަދި މި ކާމިޔާބީއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށްދެއްވައި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތް ފުރިހަމަކޮށްދެއްވުމަށް ކޮށްދެއްވާ މަސައްކަތްފުޅުގެ ނަތީޖާކަމަށް ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، 2004 ވަނަ އަހަރު އެ ހިދުމަތަކީ މަދަނީ ހިދުމަތަކަށް ބަދަލުވެ ފުލުހުންނާ ރައްޔިތުންނާ ގާތުން ގުޅިގެން ހިދުމަތް ދިނުމަށް ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުންް ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ ވިސްނުންފުޅާއި ކުރައްވާ މަސައްކަތްޕުޅާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ފުލުހުންގެ އެކި ބަހާތަކުން އެކި ފުލުހުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި އެމްޓީސީސީއަށާއި އިންނަމާދޫ ކައުންސިލަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
ސީޕީ ވިދާޅުވީ، އެކަކު އަނެކަކަށް އިތުބާރުކޮށް ފުލުހުންގެ ހިދުމަތުގެ އަގުވަޒަންކޮށް އެ ހިދުމަތުގެ އަގު ހިފެހެއްޓުމަށް ހުރިހާ ފުލުހުން އަޒުމްކަނޑައަޅަންޖެހޭ ކަމަށާ އަދި އަމަލުން ދައްކަން ވެސް ޖެހޭކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ ޓީމުތައް ބިނާވާންޖެހޭނީ އިތުބާރާއެކު އެކަކު އަނެކަކަށް އިހުތިރާމުކޮށް، ދިމާވާ ދަތި އުނދަގޫތަކުން އަރައިގަތުމަށް ގާބިލުކަންހުރި ހިތްވަރުގަދަ ބަޔަކަށް ކަމަށާއި އިންސާފުވެރިކަމާއި އަމާނާތްތެރިކަމާ އަދި ދެފުށް ފެންނަ ގޮތަށް ހިދުމަތް ދިނުމަކީ ރައްޔިތުންގެ އިތުބާރުހޯދުމަށް މުހިންމު އަސާސްތަކެއް ކަމަށާއި ކޮންމެ ދިމާއަކުން ވެސް ރައްޔިތުންނަށް ލިބޭ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށް ނަވީން ވިދާޅުވިއެވެ.