6 އަތޮޅެއްގައި ހައުންސިންގ ޔުނިޓް އަޅަން އެޗްޑީސީން ހުޅުވާލައިފި
ހަ އަތޮޅެއްގައި ހައުސިންގ މަޝްރޫޢު ހިންގުމަށް ހައުސިންގ ޑިވެލޮޕްމަން ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ކޮށްފަވާ އިޢުލާނުގައި ވަނީ ، ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ހުޅުވާލާފަވަނީ ހދ، ށ، ލ، ރ، ޅ އަދި އައްޑު އަތޮޅުގެ ރަށްތަކަށް ކަމަށެވެ. މި އަތޮޅުތަކުގެ 10 ރަށެއްގައި ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެޗްޑީސީން ބުނީ މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް، ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވާކަމަށެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެކަމަށެެވެ.
57 ރަށެއްގައި ބޯހިޔާވެހިކަމުގެ މަޝްރޫއު ހިންގުމަށް ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ.
އެއީ 12000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓެވެ. މީގެތެރެއިން ގިނަ ރަށްތަކަށް ކޮންޓްރެކްޓަރުން ޝަޢުގުވެރިކަން ފާޅުކޮށްފަވާއިރު، މިހާރު ގެންދަނީ ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން މިމަހުގެ 6 ވަނަ ދުވަހު، ރާއްޖޭގެ 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދިވެހި ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، 13 ރަށެއްގައި ހައުސިން މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ތެރޭގައި 13 ރަށެއްގައި 825 ހައުސިން ޔުނިޓް ތަރައްޤީކުރަން ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. މި މަޝްރޫޢުގައި ދެން ހިމެނޭ ރަށްތަކަށްވެސް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތްތައްތައް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.
މިހާރު އިޢުލާނުކޮށްފަވާ 57 ރަށުގެ އިތުރަށްވެސް، ހައުސިން ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ކުރިއަށްގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.މިއަހަރާ އަދި އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައިވެސް ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށް އެއް ބިލިނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އިޖުތުމާއީ ދާއިރާތަކުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ބޯހިޔާވަހިކަމެވެ.